މިއަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް ސަތޭކަހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް އިތުރުވެއްޖެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ %7.2 އަކީ އިޓަލީގެ ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރޭ "ޑެއިލީ އަޕްޑޭޓް ރިޕޯޓް" އިން ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9 ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް 101،051 ފަތުރުވެރިން ވަނީ އައިސްފައެވެ. އިޓަލީވިލާތަކީ އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. މިދިޔަ އަހަރުގެ އިޓަލީވިލާތް އޮތީ މި ލިސްޓުގެ 5 ވަނައިގައެވެ.
އަހަރުގެ މިހާތަނަށް 4 ޤައުމަކުން ރާއްޖެއަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ:
* ޗައިނާ: 217،041 ފަތުރުވެރިން
* ރަޝިއާ: 167،418 ފަތުރުވެރިން
* އިނގިރޭސިވިލާތް: 129،371 ފަތުރުވެރިން
* އިޓަލީވިލާތް: 101،051 ފަތުރުވެރިން
އޮގަސްޓްމަހުގެ މިހާތަނަށް ރާއްޖެއަށް 114،509 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ މި މުއްދަތާއި އަޅާބަލާއިރު %4.6 އިތުރު އަދަދެކެވެ. އޮގަސްޓްމަހުގެ މިހާތަނަށް ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6736 ފަތުރުވެރިން އާދެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 1،034،119 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 308،095 ފަތުރުވެރިންނެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ. އެހެންކަމުން މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށް ބަލާއިރު، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ ގާތްގަނޑަކަށް 9 ލައްކަ ފަތުރުވެރިންނެވެ.