އަރިއަތޮޅު އުތުރުބުރީ މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާޅޮހަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވާދެއްވާފައެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މާޅޮހުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާ ބީއެމްއެލް ގުޅިގެން ފަށްޓަވާފައިވަނީ ވީހާވެސް ރައްޔިތުންނާ ގާތުން ލުއި ފަސޭހަކަމާއެކު ބޭންކިންގެ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.