ޚަބަރު

ޗައިނާ މީހުންނަށް އަމާޒުކޮށްގެން ސްކޭމް ހިންގާ މައްސަލަތަކެއް!


  • މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން

ދިވެހިރާއްޖޭގައި ދިރިއުޅޭ ޗައިނާ ރައްޔިތުންނަށް އަމާޒުކޮށްގެން ސްކޭމްތަކެއް ހިންގާ މައްސަލަ އިތުރުވެ، ފުލުހުންނަށް ރިޕޯޓް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ އައު ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއް ހުށަހެޅި މިމައްސަލަތަކުގައި މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ވެފައިވާ ކަމަށެވެ. މަކަރާއި ހީލަތުގެ އަމަލު ހިންގަނީ ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެންނެވެ. މިގޮތަށް މަކަރާއި ހީލަތް ހަދާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ، ޚާއްސަކޮށް ޗައިނާގެ ރައްޔިތުންނަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ ސްކޭމް ހިންގާ ގޮތްވެސް ހިއްސާކޮށްފައެވެ.

ފުރަތަމަ މަކަރުވެރިން ގުޅަނީ ދިވެހިރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތްތަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. ޚާއްސަކޮށް ޓެދަރ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކަށް އަމާޒުކޮށް އެފަރާތްތައް އޮޅުވާލައ،ި ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ ނުވަތަ ޗައިނީޒް ޔުއާން ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މަރުހަލާގައި މަކަރުވެރިޔާ ވިއްކާ ފަރާތަށް ހުށަހަޅަނީ ފައިސާ ޓްރާންސްފަރ ކުރުމަށްވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެއް ކަމަށާއި މިއީ ސްކޭމް ފެށޭ މަރުހަލާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ސްކޭމްގައި މަކަރުވެރިޔާ މަސައްކަތް ކުރަނީ، ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުމަށެވެ. ބޭރު ގައުމުގެ މީހާ މި މުއާމަލާތުގައި ބައިވެރިވަނީ އޭނާގެ އަތުގައިވާ ދިވެހި ރުފިޔާ ބަދަލުކުރެވެނީ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ބޭރު ފައިސާއަކަށް ކަމަށް ގަބޫލުކޮށްގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދެ ފަރާތް ބައްދަލުވުމުން ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކުރާ ކަމަށާއި، ފައިސާ ގުނައި
ޗެކްކުރުމަށްފަހު، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފަރ ކުރާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ، ޓްރާންސްފަރ ކުރުމަށްފަހު ބޭރު ގައުމުގެ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާ ނުކުރާ ކަމަށެވެ.

އޭގެ ބަދަލުގައި ކްރިޕްޓޯ ކަރަންސީ މަކަރުވެރިޔާ، އެކައުންޓަށް ޖަމާކޮށް އަދި ޔޫއެސްޑީޓީ ވިއްކާ ފަރާތާއި ބޭރު ގައުމުގެ މީހާ ދެމެދު ހިލާފު އުފަދޭ ގޮތަށް ކަންކަން މެދުވެރިކުރުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަމުގެ ތެރޭގައި ކްރިޕްޓޯ ކަރަންސީ ގެއްލުމުން ހިލާފު އުފެދެނީ ނަގުދު ފައިސާގެ މިލްކުވެރިކަމާމެދުއެވެ. ޔޫއެސްޑީޓީ ބޭރު ގައުމުގެ މީހާއަށް ނުލިބުމުން ދެފަރާތުން އެކަކު އަނެކަކަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހަށް މައްސަލަ ހުށަހަޅާ ކަމަށް ސްކޭމް ފަހު މަރުހަލާ ތަފްސީލްކޮށްދެއްވާ ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއްވެސް މީހާކާ މާލީ މުޢާމަލާތެއް ކުރާނަމަ، އެމީހަކީ ކާކުކަން ކަށަވަރުކުރުމަށް ފުލުހުން އެދައެވެ. މީގެ އިތުރުން ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނ،ަ ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގާތުގައި ނުހުންނަ ނުދަންނަ އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ފޮނުވަން އެއްބަސްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ހުށަހެޅުމެއް ކަމެއް ޝައްކުކުރެވޭ ނަމަ، ފުލުހުންގެ ހިދުމަތުގެ ހޮޓަލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރ 911އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ. ނުވަތަ ފުލުހުންނަށް ރިޕޯޓް ކުރުމަށް އިލްތިމާސްކޮށްފައެވެ.