އއ. އަތޮޅު ކައުންސިލުގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ޑީއެންއާރުން ދަނީ ގިނަ މަސައްކަތްތެކެއް ކުރަމުންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި މި ސިޔާސަތުގެ ދަށުން، މިހާރު އއ. އަތޮޅު ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ، އައިޑީ ކާޑުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައި ފެށުމާއެކު އެއަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރެއްވިއެވެ.
ޑީއެންއާރުން ވިދާޅުވީ، މިހާރު 28 ރަށެއްގައި މިޚިދުމަތް ދެމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންދާއިރު، މިހާރު މެލޭޝިއާއިން އައިޑީ އައިޑީކާޑުގެ ޙިދުމަތްތައް ދެމުންދެއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާއި ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ.ވިލިނގިލީގައެވެ.
މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.