ޚަބަރު

އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ނައިބު ރައީސްއަކަށް ޕީއެސްއެމް


  • ޖެނެރަލް ކޮންފަރެންސްގެ ނައިބު ރައީސަކަށް ޕީއެސްއެމް ހޮވުމަށް ހުށަހަޅާފައިވަނީ ސްރީލަންކާއިން

  • ޕީއެސްއެމްއަށް މި ފުރުސަތު ލިބިފައިވަނީ ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް

ކުރިއަށްއޮތް ދެ އަހަރަށް އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވަލޮޕްމެންޓް (އޭއައިބީޑީ)ގެ ޖެނެރަލް ކޮންފަރެންސްގެ ނައިބު ރައީސްއަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އިންތިޚާބުކޮށްފިއެވެ.

އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ނައިބު ރައީސަކަށް ޕީއެސްއެމް އިންތިޚާބުކޮށްފައިވަނީ ތައިލެންޑުގެ ޕުކެޓުގައި މިހާރު ކުރިއަށްދާ އެ ޖަމްޢިއްޔާގެ 23ވަނަ ޖެނެރަލް ކޮންފަރެންސްގައެވެ. އޭއައިބީޑީގައި ފުރިހަމަ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ތަމްސީލްކުރަނީ ޕީއެސްއެމްއެވެ.

އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ނައިބު ރައީސަކަށް ދިވެހިރާއްޖެ ހޮވުމަށް ހުށަހަޅާފައިވަނީ ސްރީލަންކާއިންނެވެ. އަދި ޖެނެރަލް ކޮންފަރެންސްގެ ކުރިއަށް އޮތް 2 އަހަރުގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ތައިލެންޑުން ވަނީ އެ ހުށަހެޅުމަށް ތާއީދުކޮށްފައެވެ. އަދި އޭއައިބީޑީގެ މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓަކުން މި ކޮންފަރެންސްގެ ނައިބު ރައީސްކަމަށް ޕީއެސްއެމްވަނީ އިންތިޚާބުކޮށްފައެވެ. ޕީއެސްއެމްއަށް މި ފުރުސަތު ލިބިފައިވަނީ، ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

އޭއައިބީޑީގެ ނައިބު ރައީސްކަމުގެ އިތުރުން ޕީއެސްއެމުން ދިވެހިރާއްޖެ ތަމްސީލްކޮށް ވަނީ އޭއައިބީޑީގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަންވެސް ހޯދާފައެވެ. މި ބޯޑުގައި ޕީއެސްއެމްއާއެކު އިތުރު 10 މެމްބަރު ޤައުމު ހިމެނެއެވެ.

އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ އެގްޒެކެޓިވް ބޯޑަކީ، އެ ޖަމްޢިއްޔާގެ މާލީ ކަންކަމާއި، އިންސާނީ ވަސީލަތްތަކާއި، އިދާރީ ހިންގުމުގެ ކަންކަމުގައި އެހީތެރިވެދިނުމުގެ މައިގަނޑު ޒިންމާ އުފުލާ ބޯޑެވެ.

ޕީއެސްއެމްއަށް ލިބުނު މި މަގާމަކީ، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ޕީއެސްއެމްއިން ފާހަގަކުރެއެވެ. މީގެކުރިން 2018 ވަނަ އަހަރުވެސް އޭއައިބީޑީގެ އެގްޒެކެޓިވް ބޯޑްގެ ވައިސް ޗެއަރގެ މަޤާމު ޕީއެސްއެމުންވަނީ އަދާކޮށްފައެވެ.

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމެންޓް (އޭއައިބީޑީ) އަކީ 1977 ވަނަ އަހަރު އުފެއްދި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ބްރޯޑްކާސްޓަރުން ބައިވެރިވާ ބައިނަލްއަގްވާމީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤުސަދަކީ ސަރަހައްދުގެ ގައުމުތަކުގެ މީޑިއާ ތަރައްގީކޮށް، ގާބިލް އިންސާނީ ވަސީލަތްތައް ބިނާކުރުމަށް އެހީތެރިވުމެވެ. އެގޮތުން މީޑިއާގެ ތަފާތު ދާއިރާތަކުން ތަމްރީނުތަކާއި، ވޯކްޝޮޕްތަކާއި، އެހެނިހެން ޕްރޮގްރާމްތައް އޭއައިބީޑީން ހިންގައެވެ.

މިމަހުގެ 19ވަނަ ދުވަހުން ފެށިގެން 21ވަނަ ދުވަހާއި ހަމައަށް ތައިލެންޑުގެ ޕުކެޓުގައި ކުރިއަށްގެންދާ އޭއައިބީޑީގެ 23 ވަނަ ޖެނެރަލް ކޮންފަރެންސްގައި މަޝްވަރާކޮށްފައިވަނީ ކުރިއަށް އޮތް އަހަރުތަކުގައި މަސައްކަތް ބައްޓަންކުރާނެ ގޮތަކާމެދުއެވެ. މި ކޮންފަރެންސަކީ މެމްބަރު ގައުމުތަކުގެ މެދުގައި ތަޖުރިބާ ބަދަލުކޮށް، ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

މީޑިއާއާ ގުޅުންހުރި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި ރާއްޖެ ތަމްސީލުކުރުމުގައި ޕީއެސްއެމްއިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން އޭޝިއާ-ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން (އޭބީޔޫ) އަދި ކޮމަންވެލްތު ބްރޯޑްކާސްޓަރސް އެސޯސިއޭޝަން (ސީބީއޭ) ފަދަ ޖަމްޢިއްޔާތަކުގައި ޕީއެސްއެމްއިން ހަރަކާތްތެރިވެ، ބައިނަލްއަގްވާމީ މިންގަނޑުތަކަށް މީޑިއާގެ ދާއިރާ ތަރައްގީކުރުމަށް މަސައްކަތްކޮށްފައިވެއެވެ