ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ރަސްދުއަށް ވަޑައިގަންވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
ރަސްދުއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު، ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ރަސްދޫގައި އަލަށް އިމާރާތްކުރެވޭ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމާއި، އއ. އަތޮޅު ހޮސޕްިޓަލުގައި ޑަޔަލިސިސް ޚިދުމަތް ފަށްޓަވާދެއްވުމަށްވެސް ރައިސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅުގެ ރަށްރަށަށް ކުރައްވާ 2 ދުވަހުގެ މި ދަތުރުފުޅުގައި، އެއަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު މިދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ އުކުޅަހަށެށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.