ޚަބަރު

ފުޓްބޯޅަ ކުރިއަރުވާ ޒުވާން ކުދިންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ: ބިސްބުރު އެކަޑަމީ


ރާއްޖެއަކީ ޒުވާން އުމުރުގައި ވަރަށް މޮޅެތި ފުޓްބޯޅަ ކުޅުންތެރިން އުފެދޭ ގައުމެއް ކަމަށާއި، މިކަން ނެތިޔަ ނުދީ ވަރަށް އިހްލާސްތެރިކަމާއެކު ފުޓްބޯޅަ ކުރިއަރުވައިދިނުމަށް ސަރުކާރާއި ކަމާގުޅޭ ފަރާތްތަކަށް ގޮވާލާކަމަށް ބިސްބުރު އެކަޑަމީގެ ފައުންޑަރ އިމްރާން ވާފިރު ބުނެފިއެވެ.

ބީބީ ޓިކި ޓަކަ އިންޓަނޭޝަނަލް ސުޕަކަޕް ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު ފީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން އިމްރާން ބުނީ ރާއްޖެއަކީ މި ސަރަހައްދުގެ ފުޓްބޯޅައިގައި މޮޅު ގައުމެއް ކަމަށާއި، އެހެންނަމަވެސް މިހާރު ފެންނަނީ ފުޓްބޯޅަ ފަނޑުވެގެންދާ ކަހަލަ ކުލަވަރެއް ކަމަށެވެ. އަމިއްލަ ފަރާތްތަކުން ރާވައިގެން ބާއްވާ މިފަދަ ފުޓްބޯޅަ މުބާރާތްތައްތަކުން ރާއްޖޭގައި ތިބި ޒުވާން އުމުރުފުރައިގެ މޮޅެތި ކުޅުންތެރިން ފެންނަމުންދާ ކަމަށް އިމްރާން ފާހަގަކުރިއެވެ.

އިމްރާން ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ފޯރުކޮށްދިނުމުގައި ޒުވާން އުމުރުފުރާގެ ކުދިންނަށް ބާއްވާ ފުޓްބޯޅަ މުބާރާތްތައް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އަދި މި އުމުރުފުރާގެ ކުދިންނަށް މުބާރާތްތައް ނުބާއްވާނަމަ ފުޓުބޯޅަ ކުރިއަކަށް ނުދާނެ ކަމަށާއި ޒުވާން ކުދިންގެ ތެރޭގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދީ ފުޓްބޯޅަ ކުރިއެރުވުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

އިމްރާން ބުނީ ރާއްޖޭގައި ފުޓްބޯޅައަށް ދިމާވެފައިވާ އެއް މައްސަލައަކީ މާ ބޮޑަށް ފުޓްސަލްއަށް ގޮސް ފުޓްބޯޅައަށް އޮތް ފުރުސަތުތައް މަދުވުންކަމަށެވެ.

ބީބީ ޓިކި ޓަކަ އިންޓަނޭޝަނަލް ސުޕަކަޕްގައި 12 ކުލަބެއްގެ 17 އަހަރުން ދަށުގެ ކުޅުންތެރިން ބައިވެރިވެފައިވާއިރު މީގެ ތެރެއިން ގައުމީ ޓީމަށް ނެގޭ ފެންވަރުގެ މޮޅު ސާދަ ވަރަށް ކުދިން އައިޑެންޓިފައި ކުރެވިފައިވާކަމަށް ބިސްބުރު އެކަޑަމީން ފާހަގަކުރެއެވެ.