ޚަބަރު

ހުޅަނގު އައްސޭރިން އިތުރު ބިން ފޭރިގަތުން ޔަހޫދީންގެ މަދަދުގާރުން ވެސް ބަލައިނުގަތް


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް ފޭރިގަނެ، އެ ބިމުގައި ޔަހޫދީން އާބާދު ކުރުމުގެ ރޭވުން ތަންފީޒު ކުރަން ފެށުމުން، ޔަހޫދީންގެ މަދަދުގާރުންގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ އަދި ޖަޕާން ހިމެނޭ ގޮތުގައި 21 ޤައުމަކުން އެ ކަން ކުށްވެރި ކޮށްފިއެވެ. ހުޅަނގު އައްސޭރި ފޮތިކޮށްލައި، އިރުމަތީ ޤުދުސާ ވަކިކޮށްލުމުގެ ގޮތުން ޔަހޫދީން ވަނީ އީ1ގެ ނަމުގައި މަޝްރޫޢެއް ހިންގަން ފަށާފައެވެ.

މިއީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ތަޅުއަޅުވައި، ހުއްޓުވުމަށް ހިންގާ މަޝްރޫޢެއްގެ ގޮތުގައި ޒަޔަނިސްޓުންގެ ނިރުބަވެރި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗު ސިފަ ކުރެއެވެ. އަދި، ފަލަސްޠީނުގެ ދައުލަތް ފޮހެލައި، ނިޒާމުން ގެއްލުވައިލާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

އީ1 މަޝްރޫޢު ކުށްވެރިކޮށް 21 ޤައުމަކުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. “އެ ނިންމުން ކުށްވެރިކޮށް، އެ ނިންމުން ބަދަލު ކުރުމަށް އަޅުގަނޑުމެން ގޮވައިލަން،” ބަޔާނުގައި ބުނެފައިވެއެވެ. އަދި ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމަށް ގެދޮރު އިމާރާތް ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، ޣައިރުޤާނޫނީ އަމަލެއްގެ ގޮތުގައި ވެސް ބަޔާނުގައި ސިފަކޮށްފައިވެއެވެ.

އީ1 މަޝްރޫޢަކީ، މީގެ އަހަރުތަކެއް ކުރިން ޔަހޫދީން ރާވާފައިވާ ހީލަތްތެރި ރޭވުމެއްގެ ދަށުން ފެށުމަށް މަސައްކަތް ކުރި މަޝްރޫޢެކެވެ. ނަމަވެސް، 2012ވަނަ އަހަރާއި 2020ވަނަ އަހަރު އެ މަޝްރޫޢު ހިންގުން މަޑުޖައްސައިލާފައި އޮތީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ.

ޚާއްޞަކޮށް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވެސް ކުރިން ދިޔައީ އެ މަޝްރޫޢާ ދެކޮޅު ހަދަމުންނެވެ. ނަމަވެސް، އެ މަޝްރޫޢު އަލުން ފަށައި، ފަލަސްޠީނުގެ އިތުރު ބިންތަކެއް އިސްތިޢުމާރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުހުން ދެއްވާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އީ1 މަޝްރޫޢުގެ މައިގަނޑު އަމާޒަކީ، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް ގުޅޭ ސަރަޙައްދުގައި ޔަހޫދީން އާބާދު ކުރުމެވެ. އަދި، އިރުމަތީ ޤުދުސާއި ވަކިން އޮތް ޔަހޫދީން ވަޒަންވެރި ކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ މައަލޭ އަދުމީމާއި ޤުދުސް ގުޅައިލުމެވެ. އެ މަޝްރޫޢުގެ ދަށުން ހުޅަނގު އައްސޭރި ފަތިކޮށްލެވޭނެއެވެ. ނިރުބަވެރި ސްމުތުރީޗު ބުނީ، އީ1 މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެންމެ ފަހުގެ ހުއްދަތައް ޔަހޫދީންގެ ދިފާޢީ ވުޒާރާއިން ދީފައިވާ ކަމުގައެވެ.

ޔަހޫދީންނާ ދެކޮޅަށް ބަޔާން ނެރުނު 21 ޤައުމުން ބުނީ، އީ1 މަޝްރޫޢާ އެކު ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުގެ އުންމީދަށް ހިޔަނި އެޅިގެން ދާނެ ކަމުގައެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންނަށް ޤުދުސަށް ދަތުރު ކުރުމަށް ހުރަސް އެޅިގެންދާނެ ކަމުގައެވެ.

ޔަހޫދީންނާ ދެކޮޅަށް ބަޔާން ނެރުނު އިތުރު ޤައުމުތަކުގެ ތެރޭގައި ބެލްޖިޔަމް، ކެނެޑާ، ޑެންމާކް، އެސްޓޯނިޔާ، ފިންލެންޑް، ފަރަންސޭސިވިލާތް، އައިސްލެންޑް، އަޔަލެންޑް، އިޓަލީވިލާތް، ލެޓްވިޔާ، ލިތުއޭނިޔާ، ލުގްޒެމްބަރގް، ދި ނެދަރލެންޑްސް، ނޯވޭ، ޕޯޗުގަލް، ސްލޮވީނިޔާ، ސްޕެއިން އަދި ސްވިޑެން ހިމެނެއެވެ.