ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ޑަޔަލިސިސްގެ ހިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރަންޖެހުމަކީ އުނދަގޫ ކަމަކަށްވާއިރު އެކަންކަން ފަސޭހަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ.
ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ފަށާފައި ވަނީ 2 އެނދުގެ ޔުނިޓަކާއެކުގައެވެ. އަދި އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއްވެސް މިހާރު ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ހުންނަވާނޭކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ފަށާފައިވާއިރު ރާއްޖޭގައި މިހާރު ޑަޔަލިސިސްގެ ހިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ.އަތޮޅުގައެވެ.
ޑަޔަލިސިސްގެ ހިދުމަތަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ މަސައްކަތްކުރުން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ދުވަހު ނުވަތަ 3 ދުވަހު ހަށިގަނޑުގައި ލޭ ސާފުކުރުމަށް 4 ގަޑިއިރަށްދޭ ފަރުވާއެކެވެ.
އައު ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާ އެކުއެކީގައި ޞިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރުކުރުމަށްޓަކާ މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް މި ސަރުކާރުން ދަނީ ގެންނަވަމުންނެވެ. އެގޮތުން ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދައަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އަދި މި ދާއިރާއިން ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައްވެސް މި ސަރުކާރުން ދަނީ ގެންނަމުންނެވެ.