ޚަބަރު

"ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ކަރަންޓު ފޯރުކޮށްދެވުނީ ހީވާގި މުވައްޒަފުންގެ މަސައްކަތުން"


  • 08:43ގައި ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފައިވޭ

  • ކުންފުނީގެ މުވައްޒަފުން ކުރެއްވި މަސައްކަތަށް ފަހުމީ ޝުކުރުއަދާކުރެއްވި

ހުޅުމާލޭ އިންޖީނުގެ ނިއްވާލައިގެން ކުރެވުނު މެއިންޓަނަންސްގެ މަސައްކަތް ތާވަލުކުރެވިފައިވާ ވަގުތުގެ ކުރިން ނިންމާލެވުނީ ސްޓެލްކޯގެ ޤާބިލު އަދި ހީވާގި އިންޖނިއަރުންނާއި ޓެކްނީޝަނުންގެ މަސައްކަތުން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުންދިއުމާއެކު، ކަރަންޓުގެ ބޭނުންތެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އިތުރު އިންޖީނުތަކެއް ޤާއިމުނުކުރެވުމުގެ ސަބަބުން، މިހާރު ބޭނުންކުރަމުންދާ އިންޖީނުތަކުގެ މެއިންޓަނަންސް މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިގޮންޖެހުމަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ވަގުތީގޮތުން ހުއްޓާލައި، މުހިންމު މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިމަސައްކަތް ނިމުމާއެކު، މިއަދު ހެނދުނު 08:43 ގައި ސްޓެލްކޯއިން ވަނީ މާލެ އަދި ހުޅުމާލޭގެ ހުރިހާ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދީފައެވެ.

މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ހުޅުމާލޭ އިންޖީނުގޭގައި ކުރެވުނު މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން ނިންމައި، އިންޖީނުތައް އަލުން ހިންގައި، މާލެ އަދި ހުޅުމާލޭގެ ކަރަންޓުގެ ޚިދުމަތް އާންމު ޙާލަތަށް ގެނެވުނީ ކުންފުނީގެ ޤާބިލު އަދި ހީވާގި އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ މަސައްކަތުންކަމަށެވެ.

މީގެ އިތުރުން، މިކާމިޔާބީ ހާސިލްކުރެވުނީ މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު މުވައްޒަފުން ކިބައިގައި ހުރުމުން ކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެންކަމުން، މި މަސައްކަތުގައި ބައިވެރިވި މުވައްޒަފުންނަށް ފަހުމީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އަދި ހަމަމިއާއެކު، މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެމްޑީ ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގައި 6 ޖަނަރޭޓަރު ހުރެއެވެ. މިއީ 2019 ވަނަ އަހަރު ބޭނުންކުރަން ފެށި، އިންޖީނުގެއެވެ. އިތުރުވެފައިވާ މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު އިންޖީނުގެއެއް މިސަރަހައްދަށް ކޮންމެހެން ބޭނުންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިގޮތުން ތިލަމާލެ ބްރިޖާއެކު ތިލަފުށީގައި ޕްލޭންކުރެވިފައިވާ އިންޖީނުގޭގެ މަސައްކަތް ކުރެވުމުން މިމައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ފާހަގަކުރައްވައެވެ.