ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެއްދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި މަހާސިންތާގައި ޒަކާތުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރާއްޖޭއާއި ބައިނަލްއަގުވާމީ ކީނޯޓް ސްޕީކަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޒަކާތާ ގުޅުންހުރި އެކި މައުޟޫޢުތަކަށް ވަނީ ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންގޮސްފައެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާގެ ޝިޢާރަކީ އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުމެވެ. މިއީ ޒަކާތުގެ ނިޒާމާއި އިސްލާމީ މާލީ ނިޒާމުގެ ޢިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅައި ފަރާތްތައް އެއް ތަނަކުން ބަދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ޒަކާތުހައުސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ މަހާސިންތާއެކެވެ.
މި މަހާސިންތާގައި ޓެކްނޮލޮޖީގެ އައު އިޖާދުތަކާއެކު ޒަކާތުގެ ނިޒާމަށް ގެނެވޭނެ ބަދަލުތަކާއި ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާމެދު ފުޅާ ދާއިރާއެއްގައިވަނީ މަޝްވަރާކޮށްފައެވެ. އަދި ކްރިޕްޓޯ ކަރަންސީފަދަ ޒަމާނީ އާމްދަނީގެ ބާވަތްތަކުން ޒަކާތް ނެރުމުގައި ހުރި ޝަރުޢީ މައްސަލަތަކަށް އަލިއަޅުވާލައި، ބްލޮކް ޗެއިން އަދި އާޓިފިޝަލް އިންޓަލިޖެންސްފަދަ އާލާތްތަކާއެކު ނިޒާމުގެ ތެރެއިން ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒު ވިދާޅުވީ މިއަހަރުގެ ޒަކާތު މަހާސިންތާ ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން، މި މަހާސިންތާގައި ދެކެވުނު ވާހަކަތަކުން ޒަކާތަކީ އަޅުކަމެއްގެ އިތުރުން މުޖުތަމަޢު ބަދަލުކޮށްދޭވޭނެ އަދި ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންކުރެވިދާނެ މުހިންމު ވަސީލަތެއްކަން އެނގިގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
ޕެނަލިސްޓުންނާއި ކީނޯޓް ސްޕީކަރުންގެ ވާހަކަތަކުން ޒަކާތުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ފާހަގަކުރެއްވިކަމަށްވެސް މޫސާ މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން، ޒަކާތް ލިބެންޖެހޭ އެންމެ ފުރިަހަމަ މިންވަރަށް ޒަކާތް ނެގުމަށް މަސައްކަތް ކުރުމާއި ޒަމާނީ މާލީ އެސެޓްތަކުން ޒަކާތްދައްކާނެ އިރުޝާދުތަކާއި މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދޭންޖެހޭކަމާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ބެހެނިވެރިންނާއި ޚިދުމަތް ހޯދާ މިހުންނަށް ތަކުލީފު ކުޑަގޮތަކަށް ޒަކާތް ދެއްކުމާއި ޒަކާތް ލިބިގަތުމުގެ ނިޒާމު މަގުފަހިކޮށްދިނުން ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ.
"ޒަމާނާ ގުޅިގެން އަންނަ ބަދަލުތަކާއެކު އުފެދޭ އައު މާލީ ވަސީލަތްތަކާ ގުޅޭގޮތުން މީސްތަކުން ބައިބައިވިޔަ ނުދިނުމަށްޓަކައި ދައުލަތުގެ ހައިސިއްޔަތުން ފަތުވާތައް ނެރުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރެއްވި. އޮފިޝަލް އެސެޓްތަކުން ޒަކާތް ނެރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ހިންގުމުގެ ނިޒާމު ނުވަތަ ގަވަރނެންސް ހަރުދަނާކުރަންޖެހޭކަމަށް ބައިވެރިން ވާހަކަދެއްކެވި. އަދި އޮފިޝަލް އެސެޓްތަކާއި ޒަކާތާ ގުޅުންހުރި ޒަމާނީ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުންވެސް ފާހަގަކުރެއްވި." ޒަކާތު ހައުސްގެ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ޢިލްމުވެރިންނާއި، މިމަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް މަޝްވަރާތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަޤުޞަދުގައި ބާއްވާ މަހާސިންތާއެކެވެ.