ޖޯޖިއާގައި ކުރިޔަށްދިޔަ ބަޓޫމީކަޕްގައި ވާދަކޮށް ރާއްޖޭގެ އަރަމުން އަންނަ ބެޓްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހްލޫފް ތިން މެޑަލް ހާސިލްކޮށްފިއެވެ.
ލައިބާ ވަނީ މި މުބަރާތުގެ ޑަބަލްސް ކެޓަގަރީގެ ފައިނަލްގައި ވާދަކޮށް ރިހިމެޑަލް ހޯދާފައެވެ. އަދި ސިންގަލްސް ކެޓަގަރީއާއި މިކްސޑް ޑަބަލްސް ކެޓަގަރީން ލޯ މެޑަލް ހާސިލްކޮށްފައެވެ.
ސިންގަލްސްގެ ސެމީއަށް ލައިބާ ދަތުރުކުރީ ކުއާޓަރ ފައިނަލްގައި އަޒަރުބައިޖާންގެ 13 އަހަރުން ދަަށުގެ ރޭންކިންގެ އެއްވަނައިގައި އޮތް އަހްމަދްލި ޑެނިޒް ދެ ސެޓުން 15-11، އަދި 15-3 ން ބަލިކޮށްގެންނެވެ.
ސެމީގައި ލައިބާ ވާދަކުރީ ކަޒަކިސްތާނުގެ 13 އަހަރުން ދަށުގެ ރޭންކިންގެ އެއްވަނަގައި އޮތް ލިއޮނޯވާ ސޯފިއާ އާއި ދެކޮޅަށެވެ. ރަނގަޅު ވާދައެއް ކުރި މި މެޗުން ލައިބާ ބަލިވީ 15-10 އަދި 15-12 ންނެވެ.
މިދިޔަ އަހަރުވެސް ލައިބާ ވަނީ ބަޓޫމީ ކަޕްގެ ޑަބަލްސްއިން ރިހި މެޑަލް އަދި ސިންގަލްސްއިން ލޯ މެޑަލް ހޯދާފައެވެ. ދާދިފަހުން ލައިބާ ވަނީ "އަރްމޭނިއަން ޔޫތު އޯޕަން 2025" ގެ ތިން ކެޓެގަރީއެއްގައި ވާދަކޮށް ތިން ރަން މެޑަލް ހޯދާފައެވެ.
12 އަހަރުގެ ލައިބާ ވަނީ މިއަހަރު އެކުލަވާލި ގައުމީ ސްކޮޑުގައިވެސް ހިމެނިފައެވެ. އޭނާ އަކީ ގައުމީ ބެޓްމިންޓަން ޓީމަށް ހޮވުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މި މަހު ކުރިޔަށްދިޔަ ނައިފަރު އޯޕަންގެ ސިންގަލް ބައިގެ ޗެމްޕިއަންކަންވެސް ހޯދަަފައެވެ.