މިވަގުތު ކްރިމިނަލް ކޯޓަށް ހުށައަޅައި، ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް، ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒުހިފާފައިވާކަމަށް އެ ކޯޓުގެ އިސް ޤާޟީ އާދަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
އިސް ޤާޟީ މިހެން ވިދާޅުވީ ޝަރުޢީ ކޯޓުތަކުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށްޓަކައި އުފެއްދި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އާދަމް މުޙައްމަދު ވިދާޅުވީ އަލަށް އިފްތިތާޙުކުރެވުނު އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ނިޒާމާއެކު ކޯޓުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލުއިފަސާހަވެ، ހަލުވިވާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން އަޑު އެހުމަކަށް ޙާޟިރުވުމަށް މީހަކަށް ޗިޓެއް ފޮނުވުމަށްޓަކައި ދެ ލޮގު ފޮތާއި ދެ ފައިލް ބަލަންޖެހޭ ކަމަށާއި ނަމަވެސް އައު ނިޒާމާއެކު އެފަދަ ޗިޓެއް 1 މިނެޓުގެ ތެރޭގައި ތައްޔާރުކޮށް، ފޮނުވޭ ކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ތައްޔާރުކުރި މި ނިޒާމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާވެސް ގުޅާލެވިފައިވާ ނިޒާމަކަށްވުމުން، އަޑު އެހުމާގުޅޭ މަޢުލޫމާތުތައް އެ އޮފީހާވެސް ވަގުތުން ހިއްސާކުރެވޭކަމަށް އިސް ޤާޟީ ވިދާޅުވިއެވެ.
އިސް ޤާޟީ ވިދާޅުވީ އަލަށް ބޭނުންކުރި ނިޒާމާއެކު ކޯޓުގެ މަސައްކަތްތައް އަވަސްކޮށް، މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި މަސައްކަތްތައް ވަކި ގޮތަކަށް ތަރުތީބުކޮށްފައިވާ ކަމަށެވެ. އެއާއެކު ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި 5 އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް ނިންމުމަށް އަމާޒު ހިފާފައިވާކަމަށް އިސް ޤާޟީ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި މިދިޔަ އަހަރު ހުށައެޅިފައިވާ ހުރިހާ މައްސަލައެއް ނިންމުމަށްވެސް އަމާޒުހިފާފައިވާކަމަށްވެސް ޤާޟީ އާދަމް މުޙައްމަދު ވިދާޅުވިއެވެ.
"މި ޕްލޭނަށް އަމަލުކުރުމަށްޓަކައި ހެނދުނު 8:00އިން އިރުއޮއްސި 6:00 ޖަހަންދެން މައްސަލަތައް ތާވަލުކުރާނެ. ރޭގަނޑު 10:00 އިން 11:00އަށްވެސް މުވައްޒަފުން މަަސައްކަތްކުރާނެ. މަސައްކަތްތައް މި ދަންމާލަނީ 15 ނުވަތަ 16 ގަޑިއިރުގެ މަސައްކަތަކަށް. އަދި ޖަސްޓިސް ބިލްޑިން އެނެކްސްގައި ހުރި ޝަރީޢަތްކުރާ ހުރިހާ މާލަންތަކެއް ބޭނުންކުރަން ފެށުމުން މައްސަލަތައް ތާވަލުކުރެވޭ މިންވަރު ދެގުނަވެގެންދާނެ." އިސް ޤާޟީ ވިދާޅުވިއެވެ.
ޑީޖޭއޭއިން ފަރުމާކުރި އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ފުރަތަމަ ބޭނުންކުރަން ފެށީ ކްރިމިނަލް ކޯޓުންނެވެ. ޑީޖޭއޭއިން ވިދާޅުވީ އަލަށް އިފްތިތާޙުކުރެވުނު ޑިޖިޓަލް ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޑިޖިޓަލް ޓްރާންސްފޮމޭޝަން ތަޞައްވުރުކަމުގައިވާ "ދިވެހިރާއްޖެ 2.0"ގެ ތަޞައްވުރަށް ވާސިލުވުމުގައި މުހިންމު ދައުރެއްއަދާކުރާނެ އެއްޗެއް ކަމަށެވެ. އަދި މި ނިޒާމު ފަރުމާކޮށްފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން ކޭސް މެނޭޖްމަންޓް ސިސްޓަމް ފަރުމާކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމާ ގުޅުވާލައިގެން ކަމަށާއި މި ނިޒާމު މެދުވެރިކޮށް، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް މިހާރު އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެކަމަށް ޑީޖޭއޭއިން ވިދާޅުވެއެވެ. މީގެ ސަބަބުން އިދާރާތަކުގެ މެދުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަދަލުކުރުމުގައި ލުއިފަސޭހަތަކެއް ލިބި، މައްސަލަ ރަޖިސްޓްރީކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ޑީޖޭއޭއިން ވިދާޅުވެއެވެ.