ޚަބަރު

ކައުންސިލް އިންތިޚާބަށް ހޭލުންތެރިކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފަށަނީ


  • އޮފިޝަލުން ތަމްރީންކުރުމާއި ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާނެ

  • ލޯކަލް ކައުންސިލް އިންތިޚާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިޚާބު

ލޯކަލް ކައުންސިލް އިންތިޚާބަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުއެވެ. މި އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެގޮތުން އޮފިޝަލުން ތަމްރީންކުރުމާއި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރައްވާނެ ކަމަށެވެ. އެގޮތުން އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށް ޒާހިދު ވިދާޅުވިއެވެ.

"ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމް ކުރީ ފަހަރުތަކަށްވުރެ ފުޅާކޮށް މިފަހަރު ކުރިއަށްގެންދާނީ. އެގޮތުން ވޯޓުލާނެ ގޮތާއި ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު އެކަންނެއް ނޫން ހިއްސާކުރާނީ. ރަނގަޅު ޑިމޮކްރެޓިކް ވެށްޓެއް ޤާއިމުކުރުމުގެ ގޮތުން ވޯޓުލުމުގެ މުހިންމުކަމާއި ވޯޓުލުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޒިންމާދާރުކަމާއެކީ އެ ކަންކުރުމަށް ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއް ކުރިއަށްގެންދާނެ." އީސީގެ ރައީސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިންތިޚާބާ ގުޅިގެން 260 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިޢުލާންކޮށްފައެވެ. އޭގެ ތެރޭގައި އޮފިސަރުން، ކޮންޓެންޓް ކްރިއޭޓަރުން، ސީނިއަރު އޮފިސަރު، ޑްރައިވަރު، މެއިންޓަނަންސަ އޮފިސަރުގެ މަޤާމުގެ އިތުރުން ސެކިއުރިޓީ އޮފިސަރުގެ މަޤާމަށް ކުރިިމަތިލުމަށްވެސް ވަނީ ހުޅުވާލާފައެވެ.

އެންމެ ފަހުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އިންތިޚާބުކުރާ ލޯކަލް ކައުންސިލް މެންބަރުންގެ ދައުރަކީ 5 އަހަރު ދުވަހެވެ.