ހދ. ކުމުންދޫ ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކުމުންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ.
ހދ. ކުމުންދޫއަށް ކުރިމަތިވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފައެވެ. ކުމުންދޫ ފެނާއި ނަރުދަމާ މަޝްރޫޢު އެމްޑަބްލިއުއެސްސީއާއި ޙަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
102 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ކުމުންދޫގައި އާރްއޯ ޕްލާންޓެއް ބަހައްޓާ، ރަށުގެ ހުރިހާ ގޭބިސީއަކަށް ފެނުގެ ޚިދުމަތް ވަނީ ގުޅައިދީފައެވެ.
1400 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކުމުންދޫގައި ރައްކާތެރި ފެނާއި ނަރުދަމާއެއް ނެތުމުގެ ސަބަބުން މިރަށުގެ ރައްޔިތުން ބޭނުންކުރަމުން ދަނީ ތަޣައްޔަރުވެފައިވާ ފެނެއެވެ. އަދި ނަރުދަމާ ނެތުމުގެ ސަބަބުން ގޯތި ތެރޭގައި ހުންނަ ޖަންގްޝަންތައް ފުރިގެން ނަޖިސް ބޭރުވުމުގެ މައްސަލައަކީ ކުމުންދޫ ރައްޔިތުން އުފުލަމުންދާ ތަކުލީފެކެވެ. އެހެންނަމަވެސް ކުމުންދޫގައި ޤާއިމުކުރާ ފެނާއި ނަރުދަމާގެ މަސައްކަތް ނިމިގެންދާއިރު، މިހުރިހާ މައްސަލައަކަށްވެސް ޙައްލު އަންނާނެކަމަށް ކުމުންދޫ ރައްޔިތުން އުއްމީދުކުރެއެވެ.