ޚަބަރު

ލޯ މެޑެއްޔަކާއެކު ގައުމީ ބޯޑީބިލްޑިން ޓީމު ރާއްޖެ އަތުވެއްޖެ


57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 ގައި ވާދަކޮށް ލޯ މެޑެލް ހާސިލުކުރި ގައުމީ ބޯޑީބިލްޑިން ޓީމު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މި ޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދުދު ޠަލާލުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިންނެވެ.

މިމުބާރާތުގައި ވާދަކޮށް ރާއްޖެއަށް ލޯ މެޑެލް ގެނެސްދީފައިވަނީ ގައުމީ ބޯޑީބިލްޑިނ ޓީމާއި ދާދިފަހުން ގުޅުނު މަނާފް ވަހީދެވެ.

އޮގަސްޓް މަހުގެ 18 އިން 25 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ މިމުބާރާތުން މަނާފަށް ލޯ މެޑެލް ލިބިފައިވަނީ ފިރިހެނުންގެ އެތުލެޓިކް ފިޒީކް 160 ސެންޓިމީޓަރު ބައިގައި ވާދަކޮށްގެންނެވެ.

ތައިލެންޑުގެ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގައި ރާއްޖެއިން ހަތަރު އެތުލީޓުން ވާދަކުރިއެވެ. އެއީ މަނާފްގެ އިތުރުން އަލީ މަބްރޫކް ލަތީފާއި، އިސްމާޢީލް ޝުޢާއު ޢަބްދުﷲ އަދި އަޙްމަދު ނަޢީމްއެވެ.

މުބާރާތުން ލިބުނު ކާމިޔާބީއާއި ގުޅޭގޮތުން އެއަރޕޯޓުގައި ހުރެ "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން މަނާފް ބުނީ މިއީ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މިކާމިޔާބީގައި ޓީމުގެ ކޯޗު ކަމަށްވާ ޢަބްދުލް ހަސީބު ހުސައިންގެ ވަރަށް ބޮޑު ހިއްސާއެއްވާކަން އޭނާ ފާހަގަކުރިއެވެ.

"މި ކާމިޔާބީއަކީ ވަރަށް ކުރު މުއްދަތެއްގައި ކޯޗުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކީގައި ލިބުނު ކާމިޔާބީއެއް. އަސްލު ކޯޗު ވަރަށް ބޮޑަށް ޕުޝްކޮށްގެން ހަމަ ހިތްވަރު އެލުނުތާނގަވެސް ކޯޗު މީހާ ކޮޅަށް ނަގައިގެން މިކާމިޔާބުވީ. އުންމީދެއް ނުކުރަން މިހާހިސާބަށް އާދެވޭނެ ކަމަކަށް. ވަރަށް ބުރަ މަސައްކަތުން މިހާ ހިސާބަށް އާދެވިފަ މިހިރީ. މިކަމުގެ އެންމެ ހައްގު ޝުކުރެއް ހައްގުވާ އެއް ފަރާތަކީ ކޯޗު. ކޯޗު މިކަމުގަ ދިން އެހީތެރިކަން އެއީ ފާހަގަކޮށްލެވޭކަމެއް" މަނާފް ބުންޏެވެ.

މިމުބާރާތާއި މަނާފް ކުރިމަތިލީ ގާތްގަނޑަކަށް ދޮޅު މަސްދުވަހުގެ ތަމްރީނުތަކަށްފަހުއެވެ. އޭނާ ބުނީ މުބާރާތާއި ކުރިމަތިލިއިރު، ކޮންމެވެސް ވަރަކަށް ހާސްކަން ކުރިމަތިވިކަމަށެވެ. އެހެންނަމަވެސް ކޯޗުގެ އިރުޝާދާއި ހިތްވަރާއެކު މުބާރާތުގައި ވާދަކޮށް ނެރެވުނު ނަތީޖާއާއި މެދު ފަޚުރުވެރިވާކަމަށް އޭނާ ބުންޏެވެ.

57 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އިން މަނާފް ލޯ މެޑެލް ހާސިލުކޮށްފަވަނީ 18 އެތުލީޓުންނާ ވާދަކޮށެވެ.