މެންޗެސްޓާ ސިޓީއަށް އޭނާގެ ހިތުގައި އަބަދުވެސް އޮންނާނީ ޚާއްސަ ލޯތްބެއް ކަމަށް އެ ކުލަބުން ވަކިވި ތަޖުރިބާކާރު މިޑްފީލްޑަރު އިލްކާއީ ގުންޑޮގާން ބުނެފިއެވެ.
މިއީ ގުންޑޮގާން ސިޓީ ދޫކޮށްލި ދެވަނަ ފަހަރެވެ. އޭނާ ހުސްވި ސީޒަނުގައި އެ ކުލަބަށް ކުޅުނީ އޭގެ ކުރީ ސީޒަން ސްޕެއިނުގެ ބާސެލޯނާގައި ހޭދަކުރުމަށްފަހުއެވެ. އަލުން ސިޓީގައި އެއް އަހަރު ހެދަކުރުމަށްފަހު 34 އަހަރުގެ ކުޅުންތެރިޔާ ބަދަލުވީ ތުރުކީގެ ގަލަތަސަރާއީ އަށެވެ. އެއީ ހިލޭ ޓްރާންސްފާއެއްގައެވެ.
އޭނާ ގަލަތަސަރާއީއަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެއަށްފަހު ބުނީ ސިޓީއަށް ހިތުގައި އޮތީ ޚާއްސަ ލޯތްބެއް ކަމަށެވެ.
"މެންޗެސްޓާ ސިޓީއަށް އަބަދުވެސް ހިތުގައި ހާއްސަ ކަމެއް ވާނެ. އެއީ ޚާއްސަ ތަނެއް. އަހަރުމެން ވަނީ އެތަނުގައި ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައި. ޕްރިމިއަރ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. އަދި ތުރުކީގެ އިސްތަންބޫލުގައި ސިޓީއަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދެވުމަކީ އަހަރެން އަބަދުވެސް ހަނދާން ހުންނާނެ ކާމިޔާބީއެއް،" ގުންޑޮގާން ބުންޏެވެ.
ސިޓީއަށް 358 މެޗު ކުޅެދީ 65 ލަނޑު ޖަހައިދިން ކުޅުންތެރިޔާ ބުނީ އެ ކުލަބުން އޭނާ ނެތިވެސް ކުރިމަގުގައި ގިނަ ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ގުންޑޮގާން އަކީ ކޯޗު ޕެޕް ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ސޮއިކުރުވި ކުޅުންތެރިޔާ އެވެ. އޭނާ 2023 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވީވެސް ހިލޭ ޓްރާންސްފާއެއްގަ އެވެ.
ސިޓީގެ ފުޓްބޯޅަ ޑައިރެކްޓަރު ހޫގޯ ވިއާނާ ބުނީ ސިޓީގެ ތާރީޚުގައި ގުންޑޮގާންގެ ނަމަކީ އަބަދުވެސް ހަރުލާފައި ހުންނާނެ ނަމެއް ކަމަށެވެ. އަދި އޭނާ އޭނާގެ ލެގަސީ އެކަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ.