ޓީމުގެ އެންމެ ފަހަތުގައި ހުރެގެން އޭނާ ކުރާ ޕާސްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތްކުރާނެ ކަމަށް މެންޗެސްޓާ ސިޓީއަށް ބަދަލުވި އިޓަލީގެ ގައުމީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާ ބުނެފިއެވެ.
އޭނާ މިހެން ބުނީ ފްރާންސްގެ ޕީއެސްޖީން ކާމިޔާބު ސީޒަނަކަށް ފަހު އޭނާ ދޫކޮށްލީ ފަހަތުން ކުރާ ޕާސްތައް ފީކަޅާކަމުން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުންނެވެ.
ޑޮންނަރުންމާ ކުރިން ނިންމައިގެން ހުރީ ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރުމަށެވެ. ނަމަވެސް އޭނާ އާއި ޓީމާ މައްސަލަ ޖެހުނީ އެއްބައެއްގެ ނަޒަރުގައި މުސާރަ ބޮޑުކުރުމާއި ކޮންޓްރެކްޓް އާ ކުރުމާމެދު ދެކެވުނު ވާހަކަތައް ކާމިޔާބު ނުވެގެންނެވެ. ނަމަވެސް އަނެއް ބައެއްގެ ނަޒަރުގައި ކޯޗު ލުއިސް އެންރީކާ އޭނާގެ ކާމިޔާބު ކީޕަރު ދޫކޮށްލަން ބޭނުންވީ ފަހަތުން މޮޅަށް ޕާސް ނުކުރެވޭތީ އެވެ.
އެންރީކޭ ފަދައިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ ވެސް ކީޕަރު ފަހަރުން ސްވީޕަރެއްގެ ރޯލު އަދާކޮށް ގިނަ ޕާސްތައް ކުރުވާ ކީޕަރެކެވެ. މިހެންވެ ޑޮންނަރުންމާ އަށް ސިޓީގައި މާ ރަނގަޅު ކާމިޔާބީ އެއް އަދި ގިނަ ދުވަހު ނުހުރެވޭނެ ކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
"އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ ޓީމު މޮޅުކޮށްދޭން. އަހަރެން ގާތުގައި ކޯޗު ބުނާ ކޮންމެ ކަމެއް އަހަރެން ކުރާނަން. ކޮންމެ ކަމެއްގައި ވެސް ރަނގަޅު ކުރަންޖެހޭ އަދި އިތުރަށް ކުރިއަރުވަން ޖެހޭ ކަންކަން ހުންނާނެ. ހަމަ ޔަގީނުން ވެސް ކޯޗު ރަނގަޅު ކުރަން ބުނާ ކަމެއް ވިއްޔާ އަހަރެން އެކަމެއް ރަނގަޅު ކުރަން މަސައްކަތް ކުރާނަން. އަހަރެންނަށް ޔަގީން ގާޑިއޯލާ މި ގޮތުގެ މަތީން ކޯޗެއްގެ ގޮތުން އަހަރެންނަށް ރަނގަޅަށް ބުނެދޭނެ،" ޑޮންނަރުންމާ ބުންޏެވެ.
އޭނާ ބުނީ އުމުރުން 16 އަހަރުގައި ބޯޅަ ކުޅެން ފެށީއްސުރެ ކޮންމެ ދުވަހަކު ވެސް ގޯސްކަމެއް ކުރެވޭ ކަމަށެވެ.
"ކޮންމެ މީހަކަށް ވެސް މިސްޓޭކް ހެދޭނެ. އެއްވެސް ކަމަކީ ރަނގަޅު ނުކުރެވޭނެ ކަމެއްނޫން. އަހަރެން ދެކޭ ގޮތުގައި އަހަރެން ވަރަށް ގިނަ ކާމިޔާބު ހޯދައިފިން،" ޑޮންނަރުންމާ ބުންޏެވެ.
އޭނާ ސިޓީ އަށް ބަދަލުވީ އެ ޓީމުގެ އެއްވަނަ ކީޕަރު އެޑަސަން ތުރުކީ ލީގު ކުޅެން ބަދަލުވުމުންނެވެ. އެޑަސަން ވަނީ ސިޓީގައި މޮޅަށް ކުޅެ ކީޕަރުންގެ ޒަމާނީ ސްޓައިލް ދައްކައިދީފަ އެވެ.