އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކަށް ކުރަމުންދާ ބޯ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކެއްގައި ފަސް މީހުން މަރުވެއްޖެއެވެ. އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، މޫސުމީ ވިއްސާރައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވިފައިވާ ކަމުގައެވެ. މިއާ އެކު، ވެރިރަށް ނިއު ދެއްލީގެ ތެރެއިން ދެމޭ ޔަމުނާ ކޯރު ފުރި، ބަންޑުންވުމުގެ ބިރު ވެސް ވަނީ ބޮޑުވެފައެވެ.
އެ ކޯރުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ބިރު އޮތުމާ އެކު، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ގޮތުން، ނުރައްކަލުގެ ހިރާސް އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ 10,000އެއްހާ މީހުން މިހާރު ވެސް ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމުގައި އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.
މި އަހަރުގެ ވިއްސާރަ މޫސުމުގައި އިންޑިޔާއިން ގިނަ ބަޔެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ގޮތުން، ހުސްވި އޮގަސްޓު މަހުގެ ތެރޭގައި ވެސް އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކަށް ކުރި ބޯ ވިއްސާރައާ ގުޅިގެން ހިނގި ހާދިސާތަކުގައި 130އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި، ގިނަ އަދަދެއްގެ އަވަށްތަކެއްގައި ފެންބޮޑުވެ، ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ވަގުތު ފެންބޮޑުވުމުގެ ހިރާސް އެންމެ ބޮޑުވެފައި ވަނީ އުތުރުގައި އޮތް ޖައްމޫއާއި ކަޝްމީރް، ހިމާޗަލް ޕްރަދޭޝް، އުއްތަރާކަންދް އަދި ޕަންޖާބްގެ ސަރަޙައްދުތަކަށެވެ. އެ ސަރަޙައްދުން ދެމޭ ޗިނާބް ކޯރުގެ އިތުރުން ތަވީ ކޯރު ފުރިގެން ބަންޑުންވުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން އިންޒާރު ކުރިއެވެ. އެ ކޯރުތަކުގެ ފެންގަނޑު ބޮޑުވުމާ ގުޅިގެން ދާދިފަހުން ޖައްމޫއާއި ހިމާޗަލް ޕްރަދޭޝް ސަރަޙައްދަށް ބިންގަނޑު ކެނޑުމުގެ ހާދިސާތަކެއް ވެސް ކުރިމަތިވިއެވެ.
ބޯ ވާރެއާ ގުޅިގެން ފަސް މީހުން މަރުވެފައި ވަނީ ޖައްމޫ އަދި ހިމާޗަލް ޕްރަދޭޝް ސަރަޙައްދުންނެވެ. އެ މީހުން މަރުވީ، ބިންގަނޑު ކެނޑުމުގެ ހާދިސާއެއްގައެވެ. އެ ހާދިސާ ކުރިމަތިވެފައި ވަނީ ރާޖޯރީއާއި މަންޑީ ސަރަޙައްދަށެވެ. އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޤައުމުގެ އުތުރުގެ ބޮޑު ސަރަޙައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. އަދި، އެންމެ ބޮޑަށް އަސަރު ކުރާނެ ކަމަށް ބެލެވެނީ އުއްތަރާކަންދްގެ އިތުރުން އުތާރް ޕްރަދޭޝަށް ކަމުގައި ވެސް އެ އިދާރާއިން އިންޒާރު ކުރިއެވެ.
ފެންބޮޑުވާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ސަރަޙައްދުތަކުގައި ދިރިއުޅޭ 10,000އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާއިރު، ހަލިމަގުތަކުގެ ދެ ފަރާތުގައި ކޭމްޕާއި ފޭލިގެ ޖަހައިދީ، އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
2023ވަނަ އަހަރު ވެސް ޔަމުނާ ކޯރު ފުރިގެން ބަންޑުންވެ، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ފާއިތުވި ހަފުތާގައި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ހިމާޗަލް ޕްރަދޭޝްގެ ބައެއް ސަރަޙައްދުތަކުގައި ވަނީ ބިންގަނޑު ކެނޑިފައެވެ. މި ކަމާ ގުޅިގެން އެ ސަރަޙައްދުތަކުގެ މަދަރުސާތަކާއި ޔުނިވަރސިޓީތައް ވަނީ ބަންދު ކޮށްފައެވެ. އަދި، ގެދޮރުގައި ތިބުމަށް އިދާރާތަކުން ވަނީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިރުޝާދު ދީފައެވެ. ފެންބޮޑުވުމާ ގުޅިގެން ޕަންޖާބް ސްޓޭޓުން 20,000އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާއިރު، 150,000 ހެކްޓަރުގެ ދަނޑުބިން ވަނީ ހަލާކުވެފައެވެ.