ރާއްޖޭގެ އެކި ރަށްތަކުގައި މިސްކިތްތައް ބިނާކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން 5 ރަށެއްގައި ބިނާ ކުރާ މިސްކިތްތަކުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވަނީ ފ. ނިލަންދޫއާއި ތ. ދިޔަމިގިއްޔާއި ތ. ކަނޑޫދޫއާއި އައްޑޫ ސިޓީ މަރަދޫ އަދި ނ. މަނަދޫގައި ބިނާ ކުރަމުން އަންނަ މިސްކިތްތަކުގެ މަޢުލުމާތު އާންމުކުރައްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާންމު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ނ. މަނަދޫގައި ބިނާ ކުރާ މިސްކިތުގެ މަސައްކަތް ނިންމާ ހުޅުވަން ވަނީ ތައްޔާރުވެފައެވެ. މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުން ބިނާ ކުރަމުންދާ މަސައްކަތުގެ %80 މަސައްކަތް ނިންމާފައިވާއިރު މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ތ. ކަނޑޫދޫގައި ބިނާކުރަމުން އަންނަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މިސްކިތުގެ މަސައްކަތުގެ %45 މަސައްކަތް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން އެ އަތޮޅު ދިޔަމިގިލީގައިވެސް މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު މި މަސައްކަތުގެ %80 މަސައްކަތް ވަނީ ނިންމާފައެވެ. މިއީވެސް 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ފ. ނިލަންދޫގައި ސަރުކާރުން ބިނާ ކުރަމުން އަންނަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ %65 މަސައްކަތް ނިންމާފައިވާއިރު މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް ނިމޭނެކަމަށް ލަފާކުރަނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގައިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ބިނާ ކުރުމުގެ މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން އަލަށް މަޝްރޫޢުތައް ފެށުމާއި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފެށުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މި މިސްކިތްތައް ބިނާ ކުރަނީ އަންހެނުންނަށްވެސް ނަމާދުކުރެވޭނެގޮތަށެވެ.