ޚަބަރު

އަސާސީ ތަޢުލީމުގެ މަޝްރޫޢު: ދިވެހި ތަޢުލީމީ މަލަމަތި ބަދަލުކޮށްލި އިންގިލާބު


  • 1980 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގައި ލިޔަންކިޔަން ދަންނަނީ ވަރަށް މަދު މީހަކު

  • އަސާސީ ތަޢުލީމުގެ މަޝްރޫޢާއެކު ލިޔަންކިޔަން ދަންނަ މީހުން ވަރަށް ބޮޑަށް އިތުރުވި

  • މި ޕްރޮގުރާމާއެކު ދީނާއި ބަހާއި ހިސާބުގެ ޢިލްމުތަކަށް އޮތް ހޭލުންތެރިކަން ވެސް އިތުރުވި

1980ވަނަ އަހަރުގެ ކުރީކޮޅު ދިވެހިންގެ ތަޢުލީމީ ފެންވަރާއި ހޭލުންތެރިކަމާއި ތަހުޒީބުވެފައިވާ މިންވަރު ވަރަށް ފަނޑެވެ. ލިޔަންކިޔަން އެނގެނީ މަދު މީހަކަށެވެ. ބަހާއި ދީނުގެ ޢިލްމާއި ހިސާބުކިތާބު ރަނގަޅަށް ދަންނަނީ އަދި އެ އަށްވުރެ މަދު މީހެކެވެ.

1978ވަނަ އަހަރު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑު އެއް ކަމަކީ ރައްޔިތުންގެ ތަޢުލީމީ ފެންވަރު މަތިކުރެއްވުމެވެ. ދިވެހިންގެ މެދުގައި ހޭލުންތެރިކަމާއި އަހުލުވެރިކަން އުފެއްދުމެވެ. ތަހުޒީބުވެ ބަވަނަވަމުން އަންނަ ދުނިޔެއަށް ލޯ ހުޅުވައިދިނުމެވެ. ރާއްޖެ މިއަދު މިދެކޭ ތަރައްޤީއާއި ތަމައްދުނުގެ ފަހަތުގައިވާ ހުނަރުވެރި ޤާބިލު ދިވެހިންނަކީ އެ ދުވަސްވަރު ރައީސް މައުމޫން ފެށްޓެވި ވަރުގަދަ ހުވަފެނީ މަޝްރޫޢެއްގެ ނަތީޖާއެވެ.

ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރާއިރު، 1980 ވަނަ އަހަރު، "އަސާސީ ތަޢުލީމުގެ ޕްރޮގުރާމް"ގެ ނަމުން ނަންދެވިގެން ރައީސް މައުމޫން ފެށްޓެވި އެ އިންގިލާބީ މަޝްރޫޢުގެ ހަނދާންތަކާއި ޒިކުރާތައް އައު ކުރަންޖެހެއެވެ. އެ މަޝްރޫޢާއެކު ދިވެހި ތަޢުލީމީ މަލަމަތި ބަދަލުކޮށްލިއެވެ. އެ މަޝްރޫޢުގެ ކާމިޔާބާއެކު ރާއްޖެ ވެގެންދިޔައީ އޭޝިޔާ ސަރަހައްދުގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ މަތީ އެއް ޤައުމަށެވެ.

1980ވަނަ އަހަރުގެ ކުރީކޮޅު 15 އަހަރާއި 50 އަހަރާ ދެމެދުގެ ޢުމުރުފުރައިގެ ދިވެހިންގެ ތެރެއިން ލިޔަންކިޔަން އެނގޭ މީހުންގެ ނިސްބަތަކީ 24.77 އިންސައްތައެވެ. ޤައުމެއްގެ ނިސްބަތުން އާބާދީގެ 4 ބައިކުޅަ 1 ބައި މީހުން ލިޔަންކިޔަން ނުދަތުމަކީ ލަދުގަންނަންޖެހޭ ވަރުގެ ކަމެކެވެ. ނަމަވެސް 1980ގެ ކުރީކޮޅު ރާއްޖޭގެ ހާލަތަކީ މިއީއެވެ. މިކަން ބަދަލުކޮށް، ތަޢުލީމީ ގޮތުން ޤާބިލު ޖީލެއް އުފެއްދުމުގެ މާތް މަޤުޞަދުގައި 1980 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އަސާސީ ތަޢުލީމްގެ ޕްރޮގުރާމެއް ފަށަން އުޅޭކަން އިޢުލާންކުރެވުނެވެ.

މި ޕްރޮގުރާމް ފެށުމުގެ ރަސްމީ ޖަލްސާ އޮތީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ޖަލްސާގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔާމް ދެއްކެވި ވާހަކަފުޅުގައި، ފަށްޓަވަން އުޅުއްވާ އެ ޚާއްސަ މަޝްރޫޢުގެ ބޮޑުކަމާއި މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

"މިއަދު އަޅުގަނޑުމެން މިތަނަށް އެއްވެ މިތިބީ ވަރަށް މާތް މަޤްޞަދެއްގައި. ވަރަށް މަތިވެރި އުންމީދުތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި ފުރިގެންދާ ހިނދެއްގައި. މިއަދަކީ އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެއް ކަމަށް ފާހަގަކުރެވިގެންދާނެ ދުވަހެއް." ވާހަކަފުޅު ފަށްޓަވަމުން ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުގައި އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ އެންމެހާ ރައްޔިތުންނަށް ތަޢުލީމު ދިނުމަށް ފެށޭ ބޮޑު މަޝްރޫޢެއްކަން ފާހަގަކުރައްވައި، މިކަން ކާމިޔާބުކުރުމަށް ސަރުކާރާ އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން މަސައްކަތްކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެން މި ފަށާ މަޝްރޫޢުގައި ތަޢުލީމު ދެވެނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް. ހުރިހާ އެންމެންނަށް، އެއްވަގުތެއްގައި މި މަޝްރޫޢު މި ފެށެނީ. އެއް ދުވަހެއްގައި މާލޭގައާއި ރާއްޖޭގައި މީހުން އުޅޭނަމަ އުޅޭ ހުރިހާ ރަށެއްގައި އެއްފަހަރާ. މިމަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ އެންމެންނަށް ތަޢުލީމު ޙާޞިލުކޮށްދިނުން. ހަމައެކަނި ކުޑަކުދިންނަކަށް ނޫން." ރައީސް މަޢުމޫން ވިދާޅުވިއެވެ.

އެއާއެކު 15 އަހަރާއި 50 އަހަރާ ދެމެދުގެ ދިވެހި ރައްޔިތުންނަށް އުނގަންނައިދިނުމުގެ ބޮޑު މަޝްރޫޢު ފެށިގެންދިޔައެވެ. އުނގެނޭ މީހުންނާއި އުނގަންނައިދޭ މީހުން އެކަން ކުރައްވަމުން ގެންދެވީ ވަރަށް ޖޯޝާއި ފޯރީގައި، ވަރަށް ބޮޑު ޝައުޤުވެރިކަމެއް ބަހައްޓައިގެންނެވެ. މާލެއާއި އަތޮޅުތެރޭގައި އެކި ކުލާސްތައް ހަދައިގެން ކިޔެވުމުގެ ކަންކަން ހަމަޖެހިގެންދިޔައެވެ. މި އިންގިލާބީ މަޝްރޫޢުގެ ތެރެއިން ދިވެހިބަހުން ލިޔާށާއި ކިޔާށާއި ހިސާބު ޢިލްމުން އާދައިގެ މިންވަރަކާއި ތިމާވެށީގެ ޢިލްމުން އާދައިގެ މިންވަރެއް ކިޔަވައިދެމުން ގެންދިޔައެވެ. ރާއްޖޭގައި އޭރު ތިބި މަދު މުދައްރިސުންކޮޅަކާއި ލިޔަންކިޔަން ދަންނަ ގިނަ ބަޔަކު ހިލޭސާބަހަށް ކިޔަވައިދޭން ފެށިއެވެ.

އަސާސީ ތަޢުލީމުގެ ޕްރޮގުރާމް ފެށިއިރު، ބައެއް ރައްޔިތުން ކިޔެވުމާ މެދު ނައްސި ވިސްނުން ގެންގުޅުނު ނަމަވެސް، އަތޮޅުތަކުގެ ވެރިންނާއި ރަށު ކަތީބުން ޕްރޮގުރާމަށް ދެއްވި އަހަންމިއްޔަތުގެ ސަބަބުން ކިޔެވުމުގެ ވަރުގަދަ ރޫޙެއް އުފެދުނެވެ. އެ ދުވަސްވަރުގެ މީހުން ބުނާ ގޮތުން ކުލާހަށް މީހަކު ހާޒިރު ނުވިޔަސް އެ މީހަކު ބަލައި ދާނީ ސީދާ ކަތީބެވެ. ނަމަވެސް މަޝްރޫޢު ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީހުންގެ ކިބައިގައި އަސާސީ ތަޢުލީމު އުނގެނުމަށް ބޮޑު ޝައުގުވެރިކަމެއް އުފެދިގެންޔައެވެ. ކިޔެވުމަށް ހިތްވަރުދިނުމަށް އޭރު ކިޔަމުންދިޔަ ރީތި ލަވަތަކާއެކު ތަޢުލީމީ ޖޯޝެއް ދިވެހިންގެ މެދުގައި އުފެދިގެންދިޔައެވެ. އެ ދުވަސްވަރު ގިނަ މީހުން އަސާސީ ތަޢުލީމުގެ މަޝްރޫޢު ސިފަކުރަނީ ހެޔޮ ނަސީބާއި ބާއްޖަވެރިކަމުގެ އަލި ނޫރެއް ގެނެސްދިން މަޝްރޫޢެއްގެ ގޮތުގައެވެ.

އަސާސީ ތަޢުލީމް ޕްރޮގުރާމުގެ ކާމިޔާބު 6 އަހަރަށްފަހު ދިވެހިރާއްޖޭގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އާބާދީގެ 93 އިންސައްތައަށް އިތުރު ކުރެވުނެވެ. އެ ދުވަސްވަރުގެ ގިނަ މީހުން ސިފަކުރާ ގޮތުގައި އަސާސީ ތަޢުލީމްގެ ޕްރޮގުރާމަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ހިންގެވި އެންމެ ކާމިޔާބު މަޝްރޫޢެވެ. ރާއްޖޭގެ ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް، 98 އިންސައްތައިގައި މިހާރު އޮތުމުގެ ޙަޤީޤީ ބާނީއަކީ އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ.

މިއަދު ދިވެހިންނަކީ ތަޢުލީމަށް ލޯބިކުރާ، ތަޢުލީމީ ގޮތުން ޤާބިލު ބަޔަކު އުފެއްދުމަށް ޚާއްސަ އިސްކަމެއްދޭ ބައެކެވެ. ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރާ އެއް ދާއިރާއަކީ ވެސް ތަޢުލީމުގެ ދާއިރާއެވެ. ޕްރައިމަރީ ކުލާސްތަކުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވާ ދަރިވަރުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރެވެ. މިއަދު މަދަރުސީ ތަޢުލީމު ނިންމާ ކޮންމެ ކުއްޖަކީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާ ހޭލުންތެރި ކުއްޖެކެވެ. މީގެ އިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި މަތީ ތަޢުލީމުދޭ މަރުކަޒުތައް އުފެދި، ރާއްޖޭގެ ތަޢުލީމީ މަލަމަތި ވަރަށް އުޖާލާއެވެ. ބޭރު ޤައުމުތަކާ ގުޅިގެން މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުތައް ދިވެހިންނަށް ފަހިކުރުމާއި އިންސާނީ ވަޞީލަތް ބިނާކުރުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ.

ލިޔަންކިޔަން އެނގުމަކީ ބަވަނަވަމުންދާ މި ދުނިޔޭގެ ކުރީ ސަފުގައި ސާބިތުވެ ތިބުމަށް ކޮންމެހެން މުހިންމު ކަމެކެވެ. އެއާއެކު ރަނގަޅު ޢިލްމާއި ތަރުބިއްޔަތެއް ޖީލުތަކުގައި އުފެއްދުން މުހިންމެވެ. ތަޢުލީމީ ގޮތުން އިންސާނާ ކުރިއަރާ ދިއުމަށް ލިޔަންކިޔަން ދަތުން ދޮރު ހުޅުވައިދޭއިރު، މިއަދު ޢަޒުމު ކަނޑައަޅަންވީ އަޅުގަނޑުމެންގެ ތެރެއަށް އުފަންވާ ކޮންމެ ކުއްޖަކީ ލިޔަންކިޔަން ދަންނަ ކުއްޖަކަށް ހެދުމަށެވެ. ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރަނީ އުނގެނުމާއި ކުރިއަރާ ދިއުމުގައި ލިޔަންކިޔަން ދަތުން އަދާކުރާ މުހިންމު ދައުރުގެ ސަބަބުންނެވެ.