ބިދޭސީންނާ ގުޅުންހުރި އެކި ފީތައް ނުދައްކާ 8000އަށްވުރެ ގިނަ ފަރާތް އެކްސްޕެޓް ސިސްޓަމްގެ ތެރެއިން ސަސްޕެންޑްކޮށްފައިވާ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިފިޔަވަޅު އަޅާފައިވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެތެރެއަށް ގެނައުމަށް ސަރުކާރުންވަނީ މަސައްކަތް ފަށްޓަވާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ ބިދޭސީންނާއި ގުޅުންހުރި އެކި ފީތަކާއެކު ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި މިހާރު ނިޒާމު ބައްޓަންކުރަމުންދަނީ މިފަދަ ފީތައް ނުދައްކާ ފަރާތްތަކަށް، ބިދޭސީންނާއި ގުޅުންހުރި އެއްވެސް ޚިދުމަތެއް ދައުލަތުގެ އިދާރާތަކުން ނުލިބޭގޮތަށްކަމަށް ވިދާޅުވިއެވެ.
"ފުރަތަމަ އަޅުގަނޑުމެން ދިން ފުރުސަތުގައި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ އެމްޕްލޮޔަރުންނާ ދޭތެރޭ އަޅުގަނޑުމެން އެއް މަސްދުވަހުގެ ފުރުސަތެއް ދިނުމަށްފަހު، މިހާރުވާނީ އެކްސްޕެޓް ޕޯޓަލްގެތެރެއިން އެފަރާތްތަކަށް ޚިދުމަތް ނުލިބޭގޮތަށް ސަސްޕެންޑު ކުރެވިފައި." ޢަބްދުލްމަޖީދު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68000 ފަރާތް ރަޖިސްޓްރީވެފައިވެއެވެ. އެވުޒާރާއިން ވިދާޅުވީ މީގެ ތެރެއިން ބިދޭސީންނާއި ގުޅިގެން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ތިބި 8900 ފަރާތް މިހާރު އެކްސްޕެޓް ޕޯޓަލްގެ ތެރެއިން ސަސްޕެންޑުކޮށް ޚިދުމަތް މެދުކަނޑާލާފައިވާކަމަށެވެ.
އަދި ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ދައްކަންޖެހިފައި ތިބި ގިނަ ފަރާތްތަކަކުންވެސް އިންސްޓޯލްމަންޓް އުސޫލުން އެކި މަސްތަކަށް ބަހާލައިގެން ފީތައް ދައްކަމުންދާކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. މިގޮތުން ފީތައް ދެއްކުމަށް ކުރިން ކަނޑައަޅާފައި އޮތް އެއް އަހަރުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހު ހަމަވާނެއެވެ. މިމުއްދަތު އިތުރުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިންވަނީ ނިންމަވާފައެވެ.