ރާއްޖޭގެ ފުރަތަމަ ނިއޮނޭޓަލް ނަރސަސް ކޮންފަރެންސް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. އަލަށް އުފަންވާ ކުދިންނަށް ފަރުވާދިނުމަށް ޚާއްސަ ނަރުހުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މިކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކެއްގެ އެންއައިސީޔޫގެ ނަރުހުން ބައިވެރިވާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއެވެ.
އަލަށް އުފަންވާ ކުދިންނަށް ފަރުވާ ދިނުމަށް ޚާއްސަ ނަރުހުން ރާއްޖޭގައި ތަމްރީނުވެފައި ނެތުމަކީ ސިއްޙީ ދާއިރާގެ ބޭފުޅުންގެ އޮތް ކަންބޮޑުވުމެކެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގައި ރީޖަނަލް ހޮސްޕިޓަލްތަކުގެ އެންއައިސީޔޫގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2 ނަރުހަކަށް ބައިވެރިވުމުގެ ފުރުސަތުލިބޭނެއެވެ. މިމަހުގެ 10 އަދި 11 ވަނަ ދުވަހު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ދިރާސީ ކަރުދާސް ހުށައެޅުމަށްވެސްވަނީ ހަމަޖެހިފައެވެ. ކަރުދާސް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 5 ކަރުދާހެއް ހުށައަޅާފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއެވެ.
We are proud to host the 1st Neonatal Nurses Conference in the Maldives on 10th & 11th September 2025.
— Hulhumalé Hospital (@HMH_mv) September 7, 2025
Stay tuned for more updates as we count down to this historic event!@igmhmv pic.twitter.com/0vLW5liYdJ
މިކޮންފަރެންސްގައި މަޢުލޫމާތު ދެއްވާނީ ކުޑަކުދިންގެ ހިތުގެ ޚާއްސަ ޑޮކްޓަރުން، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން، އަދި ދުވަސް ނުފުރާ ވިހާ ކުދިންގެ ލޮލުގެ މައްސަލަތައް ދެނެގަތުމާއި ގުޅޭގޮތުން ލޮލުގެ ޚާއްސަ ޑޮކްޓަރު ހިމެނޭގޮތަށް ޑޮކްޓަރުންގެ ޓީމަކުންނެވެ. މި ކޮންފަރެންސާއެކު އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގެ އެންއައިސީޔޫގައި މަސައްކަތްކުރާ ނަރުހުންގެ މެދުގައި ވަރުގަދަ ނެޓްވޯކެއް ޤާއިމުކުރެވި ދުވަސްނުފުރާ އުފަންވާ ކުދިންނަށް ދިމާވާ ކަންކަމުގައި މަޝްވަރާކުރެވޭނެ ނެޓްވޯކެއް ޤާއިމުކުރެވިގެންދާނެއެވެ.
ރާއްޖޭގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާހުރި ނަރުހުން ޚިދުމަތުގައި ތިބިއިރު، ދުވަސް ނުފުރާ ވިހާ ކުދިންނަށްވެސް މިނަރުހުން ފަރުވާދެއްވަނީ މަސައްކަތުގެ މައިދާނުގައި ލިބޭ ތަޖުރިބާގެ އަލީގައެވެ. އެހެންކަމުން މިކޮންފަރެންސާއެކު މާލެއާއި އަތޮޅުތަކުގައި އެންއައިސީޔޫގައި މަސައްކަތްކުރާ ނަރުހުން ތަމްރީނުވެގެންދާނެއެވެ. ދެދުވަހުގެ މުއްދަތަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ނިއޮނޭޓަލް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.