"ވިލުންތެރި ރާއްޖެ" ޤައުމީ ތަރައްޤީގެ ޕްލޭންގެ ޑްރާފްޓް މަސައްކަތްތައް ނިންމާ، މިޕްލޭން ޖެނުއަރީ މަހު އިފްތިތާހްކުރުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. މިއީ 2045 ވަަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ތަރައްޤީ އޮންނާނެގޮތުގެ ތަސައްވަރު އެކުލަވާލައި، އެމިސްރާބަށް މަސައްކަތްކުރުމަށް އެކުލަވާލާ 20 އަހަރުގެ ޕްލޭނެކެވެ.
މިމަސައްކަތުގެތެރެއިން މިހާރު ގެންދަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އަތޮޅުތަކަށް ދަތުރުތައްކުރަމުންނެވެ. ވިލުންތެރި ރާއްޖެ ޓީމުންވަނީ މީގެ ޕައިލެޓް މަސައްކަތްތަކުގައި ހިމެނޭ ފުރަތަމަ ރަށް، ކ.ގުރައިދުއަށް ދަތުރުކޮށް މުއައްސަސާތަކާއި ރައްޔިތުންގެ މަޝްވަރާ ހޯދާފައެވެ. އަދި ކުރިއަށް އޮތް ހަފްތާގެތެރޭގައި އިތުރު އަތޮޅުތަކަށް ޓީމްތައް ފުރަން ފަށާނެއެވެ.
ސަރުކާރުން މިމަސައްކަތް ވިލަރެސްކުރެއްވި ނަމަވެސް، މިނިވަންކަމާއެކު މިޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަމިއްލަ ކޮންސަލްޓަންސީ ފާމެއްކަމަށްވާ ނެކްސިއާ މޯލްޑިވްސްއިންނެވެ. ނެކްސިއާއިން ބުނެފައިވަނީ، ރަށްރަށަށް ދަތުރުކޮށް ރައްޔިތުންނާ، ހިއްސާދާރުންގެ ޚިޔާލު ހޯދުމަށް އަތޮޅުތަކުގައި 10 ޓީމު ހަރަކާތްތެރިވާނެކަމަށެވެ. އެހެންކަމުން ދަތުރުތައް ފަށާ 3 ހަފްތާއެއްހާ ދުވަހުން، ރާއްޖޭގެ މީހުން ދިރިއުޅޭ 180 ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދުމުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދެއެވެ.
ވިލުންތެރި ރާއްޖެ ޓީމުން ވިދާޅުވީ، މިހުށައަޅާ މަޢުލޫމާތުތަކާއި ޚިޔާލުތަކަށް ބިނާކޮށް، މިމަސައްކަތުގެ މަތީ ފަންތީގެ މަހާސިންތާއެއް އޮކްޓޯބަރު މަހުގެ ފަހުކޮޅު ބާއްވާނެކަމަށެވެ. އެހާހިސާބަށްދާއިރު، އެއްކުރެވޭ ހުރިހާ މަޢުލޫމާތެއް މިމަހާސިންތާގައި ހުށައަޅާނެކަމަށްވެސް ވިދާޅުވިއެވެ.
އަދި މަހާސިންތާއިން ނިންމާ ނިންމުންތަކަށް ބިނާކޮށް، ޖެނުއަރީ މަހުގެ ތެރޭގައި "ވިލުންތެރި ރާއްޖެ" 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އިފްތިތާޙުކުރާނެއެވެ.
ވިލުންތެރި ރާއްޖެ ޓީމުން ވިދާޅުވީ، ޖެނުއަރީ މަހު އިފްތިތާޙުކުރާ ޕްލޭންގައި ހިމެނޭނެ ކަންކަން ތަރުތީބުކުރުމުގައި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންގެ 5 މެންބަރުންގެ ޓީމެއް، ނެކްސިއާ މޯލްޑިވްސްގެ ޓީމާއެކު މަސައްކަތް ކުރާނެކަމަށެވެ. އޭގެތެރޭގައި މާލީ، އިޤްތިޞާދީ އާބާދީއަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ ގުޅޭ ޑާޓާ އެނަލައިޒްކުރާ ސްޕެޝަލިސްޓުން ހިމެނެއެވެ.
މިޕްލޭން އިފްތިތިތާޙުކުރުމަށްފަހު، މިޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުމުގެ ކުރިން، ރައްޔިތުންނާ ޕްލޭންގައި ހިމެނޭ ކަންކަން ޙިއްސާކޮށް ރައްޔިތުންގެ ރުހުން ހޯދުމުގެ މަރުހަލާއެއްވެސް ކުރިއަށްގެންދާނެއެވެ. އަދި މި ޕްލޭން ޖޫން މަހު ރަސްމީކޮށް އިފްތިތާޙުކޮށް ޢަމަލުކުރަން ފަށާނީ، މި ހުރިހާ މަރުހަލާއަކަށްފަހުއެވެ.
މި ޕްލޭންގެ އެންމެ މުހިންމު މަޤުޞަދަކީ މީގެ 20 އަހަރު ފަހުން ރާއްޖެ ތަރައްޤީވެފައި އޮންނާނެ ގޮތުގެ ތަޞައްވުރެއް އެކުލަވާލައި އެއް މިސްރާބަކަށް ސަރުކާރުތަކުން މަސައްކަތްކުރުމެވެ. މި ޕްލޭންގައި ރާއްޖޭގެ އާބާދީއާއި ދިރިއުޅުމަށް އަންނާނެ ބަދަލުތަކާއި ރާއްޖޭގެ ތިމާވެއްޓާއި، ޢުމްރާނީ ބަދަލުތަކާއި ޓެކްނޮލޮޖީގެ ގޮތުން އަންނާނެ ބަދަލުތަކަށް ރިޢާޔަތްކުރާނެ ދުރު ރާސްތާގެ ތަޞައްވުރެއް އެކުލެވިގެންވާނެއެވެ.
މި ޕްލޭނަށް ޚިޔާލު ހޯދުމުގެ މަސައްކަތުގެދަށުން، މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންގޮސްފައިވާ ދިރާސާތަކުގެ މަޢުލޫމާތު ހުށައެޅުމަށްވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ސްޓޭކްހޯލްޑަރުންނާއި ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ އިތުރުން، ވަރަށް އަވަހަށް ވެބްސައިޓެއް އިފްތިތާހްކޮށް އޮންލައިންކޮށް ޚިޔާލު ހުށައެޅޭ ޕްލެޓްފޯމެއްވެސް ޤާއިމުކުރާނެއެވެ.