ބަންގްލަދޭޝްގެ އާއްމު ޞިއްޙީ ޙާލަތު ގޯސްވެ މަދިރީގެ ޒަރިއްޔާއިން ޖެހޭ ދެ ބަލި ކަމަށްވާ ޑެންގީއާއި ޗިކުންގުނިޔާ ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. އޭގެ ސަބަބުން އެ ޤައުމުގެ ހަސްފަތާލުތައް ތޮއް ޖެހި، ކުރިއަށް އޮތް ހަފްތާތަކުގައި ބަލި ފެތުރޭ މިންވަރު ބޮޑު ތަނުން އިތުރުވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ބަންގްލަދޭޝްގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސަސް ވިދާޅުވީ މި އަހަރުގެ މިހާތަަނަށް އެ ޤައުމުގައި 33،800 މީހުންނަށް ޑެންގީ ޖެހި، އެ ބަލީގައި 132 މީހުން މަރުވެފައިވާ ކަމަށެވެ. ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އެކަނި ވެސް 10 މީހުން މަރުވެ، 1،500އަށްވުރެ ގިނަ މީހުން ވަނީ ހުމުގެ ސަބަބުން ހަސްފަތާލުގައި އެނދުމަތި ކޮށްފައެވެ. މި ޙާލަތުގައި ބަލި މީހުންނަށް ޚިދުމަތް ދިނުމުގައި ހަސްފަތާލުތަކަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ އިރު، ހަސްފަތާލުގައި ފަރުވާ ދެވޭ ބަލިމީހުންގެ ޢަދަދަށް ވުރެ ތިން ގުނަ އިތުރު ޢަދަދަކަށް ދާކާ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި ވެސް ދަނީ ބަލިމީހުންނަށް ފަރުވާ ދެމުންނެވެ.
ބަންގްލަދޭޝްގައި ހަލުވިކަމާއެކު ޗިކުންގުނިޔާ ފެތުރެމުންދަނީ އެތައް އަހަރެއް ވަންދެން އެ ޤައުމުގައި އެ ބަލި ނުފެތުރި އޮތުމަށް ފަހުގައެވެ. މި އަހަރުގެ ޖަނަވަރީ މަހާއި ޖުލައި މަހަ ދެމެދު ދާކާގެ ހަތަރު ލެބަކުން ހަދާފައިވާ ތަހުލީލުތަކުގެ ތެރޭގައި ޗިކުންގުނިޔާގެ 785 ކޭސް ހިމެނެއެވެ. ބަންގްލަދޭޝްގެ ޗިޓަގޮންގުގައި 24 ގަޑިއިރުގެ ތެރޭގައި ޗިކުންގުނިޔާގެ 30 ކޭސް ފެނިފައިވެއެވެ. އެއާއެކު މި އަހަރު އެ ސިޓީގައި އެ ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 3،000އާ ގާތްކޮށްފައެވެ.
ބަންގްލަދޭޝްގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ޑެންގީ ޖެހިފައި ވަނި 2023ވަނަ އަހަރެވެެ. އެ އަހަރު 31،000 މީހުންނަށް އެ ބަލި ޖެހިފައިވާއިރު، އެ ބަލީގައި 1.705 މީހުން ވަނީ މަރުވެފައިވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ވަނީ ދުނިޔޭގައި އެންމެ ހަލުވިކޮށް ފެތުރޭ އެއް ބައްޔަކީ ޑެންގީ ކަމަށް ބުނެފައެވެ. އެ ބަލި ފެތުރޭ މިންވަރު އުތުރުވާ ސަބަބުތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި އުމްރާނީ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންގެ ޢަދަދު އިތުރުވުން ހިމެނެއެވެ. ބަނޑުގައިި ރިއްސުމާއި ހޮޑުލުމާއި ލޭއައުމާއި ކުޑަކަމުދާ މިންވަރު މަދުވުމަކީ ޑެންގީގެ އަލާމާތްތައް ކަމަށް އެ އިދާރާއިން ހަނދާންކޮށްދީފައިވެއެވެ.