ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވެދާނެ އިމަރޖެންސީ ހާލަތަކަށް ތައްޔާރުވުމަށް ކުރިއަށް ގެންދަން ނިންމާފައިވާ އެއަރޕޯޓް ފުލް-ސްކޭލް އިމަރޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖުން ބަޔެއް މިއަދު ހަވީރު 4 އިން ރޭގަނޑު 9އަށް ބަންދު ވާނެއެވެ. ބަންދުކުރަން ނިންމާފައިވަނީ ސިނަމާލެ ބްރިޖުގެ އެއަރޕޯޓަށްވާ ލޭނެއެވެ.
މި ވަގުތުތަކުގައި އެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއާ ވާހަކަދައްކަވަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް އިންސްޕެކްޓަރ އަޙްމަދު ރަމީޒު ވަނީ، ބްރިޖްގެ އެއްފަޅި ބަންދުކުރެވިފައިވާ ވަގުތުތަކުގައި ބްރިޖް އަދި ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން ފުލުހުންްގެ އިރުޝާދާއެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
"ބްރިޖްގެ އެއްފަޅި ބަންދުކުރެވުމާއެކު ފުދޭވަރަކަށް ބާރުބޮޑުކޮށް ދާނީ. މި ވަގުތުތަކުގައި މި ސަރަޙައްދުގައި ބްރިޖް އެންޑް ހައިވޭގައި މަސައްކަތްކުރާ ޓްރެފިކް ފުލުހުން ހަރަކާތްތެރިވަމުންދާނެ. ދަތުރުފަތުރުކުރައްވާ ހުރިހާ ބޭފުޅުންވެސް ފުލުހުން ދެއްވާ އިރުޝާދާއެއްގޮތަށް ދަތުރުފަތުރު ކުރެއްވުމަކީ ވަރަށް މުހިންމުކަމެއް. ހުރިހާ ބޭފުޅުންވެސް ދަތުރުކުރައްވާއިރު، ޚާއްސަކޮށް ހަވީރުގަޑިއަކީ ސްކޫލްތަކާއި، އޮފީސްތައް ނިމޭގަޑި. ވުމާއެކު ވަރަށް ބާރުބޮޑުވާނެކަމަށް ލަފާކުރެވޭ. އެހެންވީމަ ހުރިހާ ބޭފުޅުންވެސް ޤަވާއިދާއެއްގޮތަށް ބަލައިގެން ދަތުރުކުރެއްވުމަށް އެދެން". ރަމީޒް ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފުލް ސްކޭލް އެކްސަސައިޒް ކުރިއަށްދާއިރު ރަންވޭ 1 ގަޑިއިރަށް ބަންދުކުރި ނަމަވެސް، ޝެޑިއުލް އަދި އޮޕަރޭޝަނަށް ބުރޫ ނާރާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
އެއަރޕޯޓު ފުލް ސްކޭލް އެކްސަސައިޒަކީ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން ކޮންމެ 3 އަހަރަކުން އެއްފަހަރު ކޮންމެ އެއަރޕޯޓަކުން ހަދަން ލާޒިމް ކުރާ އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި އެއަރޕޯޓުގެ ހުރިހާ ޚިދުމަތެއް ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބަލައި އެހެން ހުރިހާ މުޢައްސަސާއަކާއި ގުޅިގެން ކުރެވޭ މަސައްކަތުގައި ދިމާވެދާނެ ގޮންޖެހުންތައް ވަޒަން ކުރާނެއެވެ.
މި އެކްސަސައިޒުގައި އެއަރޕޯޓުގެ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމާއި ގުޅޭ ހުރިހާ އިދާރާއަކުން ބައިވެރިވާނެއެވެ. ވެލާނާ އެއަރޕޯޓުގައި ފުލް ސްކޭލް އެކްސަސައިޒެއް އެންމެ ފަހުން ކުރިއަށް ގެންދިޔައީ މީގެ 3 އަހަރު ކުރިން 2022 ވަނަ އަހަރުއެވެ.