އަމިއްލަ ފަރާތްތަކުން އަޅަން ހަވާލުވާ މިސްކިތްތަކުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައު ފަށަން ލާޒިމުކޮށް، މިސްކިތެއް އަޅަން ދޭ މުއްދަތު 2 އަހަރަށްވުރެ ގިނަ ނުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
މިގޮތަށް ނިންމަވާފައިވަނީ އަމިއްލަ ފަރާތްތަކުން މިސްކިތް ބިނާކުރުމާއި ގުޅޭ ގޮތުން އެވުޒާރާއިން ކަނޑަޅުއްވި ސިޔާސަތެއްގައެވެ.
މި ސިޔާސަތުގައި ވަނީ މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް 2 އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށް ނިންމަވާފައެވެ. އަދި މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް 6 މަސްދުވަހުގެ ތެރޭ ފަށަން މި ސިޔާސަތާއެކު ވަނީ ލާޒިމުކޮށްފައެވެ. އަދި މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލަން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގުމާއި،
އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން އެފަދަ މިސްކިަތްތައް އަޅާ ބިންތަކުގައި ނުކުރެވޭ ގޮތަށް މި ސިޔާސަތުގައި ވަނީ ހިމަނާފައެވެ.
• މުއްދަތު ކަނޑައެޅުން: މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތެއް ނުދިނުން.
• މަސައްކަތް ފެށުން: މިސްކިތް އެޅުމަށް ބިން ލިބޭތާ ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ލާޒިމުވުން. މި މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ، މިސްކިތް އެޅުމަށް ދޫކޮށްފައިވާ ބިން އަނބުރާ ސަރުކާރަށް ނެގޭނެ.
• މިސްކިތުގެ ބޭނުން: މިސްކިތުގެ އިމާރާތް ތެރޭގައި އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް ނުހިންގުން. އަދި އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ވެސް ނުކުރުން. މިސްކިތަކީ ހަމައެކަނި އަޅުކަން ކުރުމަށް ޚާއްސަ ތަނެއްގެ ގޮތުގައި ބެލެހެއްޓުން.
• ސަރުކާރާ ޙަވާލުކުރުން: މިސްކިތް ބިނާކޮށް ނިންމުމަށް ފަހު، އެ މިސްކިތް ސަރުކާރާ ޙަވާލުކުރުން.
• ފައިސާގެ ހެކި: މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި، މަސައްކަތް ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުން. މިކަމަށް ބޭނުންވާ މާލީ ހެކިތައް ހުށަހަޅަން ޖެހޭނެ.
މި ފަދަ އުޞޫލެއް ކަނޑައަޅުއްވާފައި މިވަނީ އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު، މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީއެވެ. އަދި އޭގެ ސަބަބުން ރައްޔިތުން ނަމާދުކުރަން އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާކަމަށާއި، އައު ސިޔާސަތަކީ ކުރިއަށް އޮތްތަނުގައި އެކަމަށް ހައްލު ހޯދުމަކީ އެކުލަވާލައި އަމަލުކުރަން ފަށާ ސިޔާސަތެއްކަން އެވުޒާރާއިން ފާހަގަކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރު މިސްކިތް އެޅުމަށް ހުއްދަ ދެވިފައިވާ ފަރާތްތަކާއި އަލަށް ހުށަހަޅާ ފަރާތްތަކުންވެސް މި އައު އުސޫލުތަކަށް ތަބާވާން ޖެހޭނެކަމަށެވެ.