ނޭޕާލްގައި މީސްމީޑިޔާގެ ބައެއް މަންސަތައް ބޭނުންކުރުން މަނާކުރުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުން ކުރި މުޒާހަރާތަކުގައި 19 މީހުން މަރުވެފައި ވަނިކޮށް، އޭގެ އެއް ދުވަސް ފަހުން ނޭޕާލްގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ކޭޕީ ޝަރްމާ އޯލީ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
މީސްމީޑިޔާގެ ބައެއް މަންސަތައް ނޭޕާލްގައި މަނާ ކުރުމުން މުޒާހަރާތައް ހޫނުވުމާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ފަހުން ވަނީ އެ ނިންމުން ބާޠިލްކޮށްފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެފައިވާއިރު 100އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ.
ޤައުމުގައި އުފެދިފައިވާ ހަލަބޮލިކަން ހުއްޓުވުމަށް ނޭޕާލްގެ ސަރުކާރުން ވަނީ އެ ޤައުމުގައި ކާފިއުއެއް ވެސް އިޢުލާނުކޮށްފައެވެ. ނަމަވެސް ކާފިއުއަށް ބެލުމެއް ނެތި މުޒާހަރާގެ ބައިވެރިން އެއްވުންތައް ކުރިއަށް ގެންދިޔުމުގެ ސަބަބުން ބޮޑުވަޒީރު އޮލީއަށް ވަނީ އިސްތިޢުފާ ދެއްވުމަށް މަޖުބޫރުވެފައެވެ. އިސްތިޢުފާ ދެއްވައި ނޭޕާލްގެ ރައީސް ރަމްޗަަންދުރާ ޕައުޑެލަށް ފޮނުއްވި ސިޓީއެއްގެ އޮލީ ވިދާޅުވީ ޤައުމުގެ ޙާލަތަށް ރިޢާޔަތްކުރައްވައި މަޤާމުން އިސްތިޢުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އޭނާ އިސްތިޢުފާ ދެއްވުމުން ޤައުމަށް ކުރިމަތިވެފައިވާ މައްސަލައަށް ޙައްލެއް ހޯދޭނެ ކަމަށާއި ޤާނޫނު އަސާސީއާ އެއްގޮތަށް ސިޔާސީ ނަޒަރަކުން މައްސަލަ ޙައްލު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޮޑުވަޒީރު އޮލީގެ އިސްތިޢުފާ ރައީސް ޕައުޑެލް ޤަބޫލު ކުރައްވާފައިވާ ކަމަށް ރައީސްގެ އަރިސް ބޭފުޅަކު ވަނީ ޔަޤީންކޮށްދެއްވައިފައެވެ.