ޚަބަރު

"ނަގޫރޯޅިއެއްފަދަ ޙަމަލާއެއް" ދޭނެ ކަމުގެ އިންޒާރު ޔަހޫދީން ދިނުމުން ޣައްޒާގެ ރައްޔިތުން ބިރުވެރިކަމެއްގައި


ޣައްޒާގެ ޣައްޒާ ސިޓީ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ނަގޫރޯޅިއެއް ފަދަ ޙަމަލާއެއް ދޭނެ ކަމަށް ޔަހޫދީން އިޢުލާނުކުރުމާއެކު ޣައްޒާ ސިޓީގެ ރައްޔިތުންނަށް އިތުރު ނުތަނަސްކަމާއި ބިރުވެރިކަން ކުރިމަތިވެއްޖެއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާ ޢުދުވާން ފެށުމުގެ ކުރިން ވެސް ޣައްޒާ ސިޓީގައި މިލިޔަނަކަށްވުރެ ގިނަ މީހުން ދިޔައީ ދިރިއުޅެމުންނެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ވަނީ މުޅި ޣައްޒާ އިސްތިޢުމާރު ކުރާނެ ކަަމަށާއި ޣައްޒާ ސިޓީގައި ވަރުގަދަ އަސްކަރީ ޙަރަކާތެއް ފަށާނެ ކަމަށް އިޢުލާނުކޮށްފައެވެ. އޭގެ ފަހުން ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހު ޔަހޫދީ ދިފާޢީ ވަޒީރު، އިސްރާއެލް ކެޓްޒް ވަނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ނުކުރާނަމަ ޣައްޒާއަށް ނަގޫރޯޅިއެއް ފަދަ ޙަމަލާއެެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ޔަހޫދީން ދަނީ ޣައްޒާ ސިޓީގައި ދިރިއުޅޭ މީހުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުމަށް އިންޒާރު ދީ އެ ސިޓީއަށް ވައިގެ މަގުން ލީފްލެޓްތައް އަޅަމުންނެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އެ ސަހަރުގައި ރައްކާތެރި އިތުރު އެއްވެސް ސަރަޙައްދެއް ނެތެވެ. އެހެންކަމުން ގިނަ ޢަދަދެއްގެ މީހުން ވަނީ އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ދެކޮޅު ހަދައިފައެވެ. ނަމަވެސް ބައެއް މީހުން ބުނީ އިންޒާރުތަކުގެ ސަބަބުން ޣައްޒާގެ ދެކުނަށް މިސްރާބު ޖެހުމަށް އެ މީހުންނަށް މަޖުބޫރުވެފައިވާ ކަމަށެވެ.

ޣައްޒާއަށް އަމާޒުކޮށް ޔަހޫދީން ޙަމަލާ ދޭން ފެށި ފަހުން ޔަހޫދީން ވަނީ މިހާތަނަށް ޣައްޒާގެ 64،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. ޙަމަލާތަކުގައި މުޅި ޣައްޒާ ސުންނާފަތިވެފައިވާއިރު، ޔަހޫދީން ދަނީ ޣައްޒާއަށް ކާބޯތަކެތި ވެެއްދުމަށް ދަތިކޮށް، އެ ސަހަރުގެ ރައްޔިތުން ގަސްދުގައި ބަނޑަށް ޖައްސަމުންނެވެ.