ޚަބަރު

ދޮޅުމަސްތެރޭ ސަރުކާރުން ހިލޭ 2000 އައިނު ހައްދައިފި


  • ޖުލައި 28 އިން ފެށިގެން މިހާތަނަށް 3200 މީހުން ޚިދުމަތް ހޯދި

  • ދެން އަައިނު ފިހާރަ ހުޅުވާނީ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލުގައި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުވާފައިވާ އައިނު ފިހާރަތަކުން ދޮޅުމަސް ނުވަނީސް 3200 މީހުން ޚިދުމަތް ހޯދާފައިވާކަމަށާއި، މިހާތަނަށް 2000 އައިނު ހިލޭ ހައްދައިދީފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ދަނީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައިވަނީ އައިނު ފިހާރަ ހުޅުވާއި ޚިދުމަތްދެމުންނެވެ.

ރައްޔިތުން އައިނު ހައްދަން ހޭދަކުރާ ބޮޑު ޚަރަދުތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިމެވުމާ އެއްގޮތަށް ސަރުކާރުގެ ސިއްޙީ ޚިދުމަތުގެ ތެރެއިން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން، އައިނު ހެއްދޭނެ އިންތިޒާމު މިހާރުވަނީ ހަމަޖައްސަވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، އައިޖީއެމްއެޗްގައި ޖުލައި މަހުގެ 27ވަނަ ދުވަހު ހުޅުވި އައިނު ފިހާރައިން މިހާތަނަށް 3200 މީހުން ޚިދުމަތް ހޯދާފައިވާކަމަށެވެ. އޭގެތެރެއިން 1080 ފަރާތެއްގެ އައުނު ނިންމައި ހަވާލުކޮށްފައިވާއިރު، 900އަށް ވުރެ ގިނަ އައިނު ނިންމައި އަދި ވެރިފަރާތުން ހަވާލުނުވެ އެބަހުރިކަމަށެވެ. އަދި އައިޖީއެމްއެޗްގެ އައިނު ފިހާރައިން 1200 އެއްހާ އައިނު އުފެއްދުމުގެ މަރުޙަލާގައި ހުރިއިރު، މީގެތެރެއިން ބައެއް އައިނުތައް ލަސްވަނީ ބޭރުން ބައެއް ލެންސްތައް ގެންނަންޖެހޭތީއެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާފައިވަނީ މިދިޔަ މަހުގެ 27ވަނަ ދުވަހުގައެވެ. މިވީ މުއްދަތުގެ ތެރޭގައި އެހޮސްޕިޓަލުން 400 އަށްވުރެ ގިނަ އައިނު ހަދަން އެދިފައިވަކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް އެނގޭ ރައްޔިތުން ބޭނުން ޚިދުމަތެއްކަން މިއީ، އެކަމަކު އަޅުގަނޑުމެން އުއްމީދެއް ނުކުރަން މިހާބޮޑަށް ރައްޔިތުން މިކަމަށް ބޭނުންޖެހިފައިވާކަމެއް. އަޅުގަނޑުމެން މިޚިދުމަތް ފެށުމާއެކު މިހާރު އަގުހެޔޮކޮށް އައިނު ހެދޭނެ އިންތިޒާމުތައް ހަމަޖެހިގެންދިޔުމުން އޭގެ ލުއިފަސޭހަކަން ރައްޔިތުންނަށް ލިބޭނެ" ސީއީއޯ ވިދާޅުވިއެވެ.

އައިނު ހެއްދުމަށް އޮތް ބޮޑު ޑިމާންޑާއެކު އައިޖީއެމްއެޗްގެ އައިނު ފިހާރައަށް މިހާރުވަނީ އިތުރު މެޝިނެއް ގެނެސްފައެވެ. އެވްރެޖްކޮށް ދުވާލަކު 35 އައިނާއި 40 ދެމެދު މިހާރު އައިނު ހަދަމުންދާއިރު މިމެޝިނާއެކު އައިނު ހެއްދުން ކުރިއަށް އޮތްތަނުގައި ދެގުނަ އިތުރުވެގެންދާނެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޓަރޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހެދުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.