ޚަބަރު

ގއ. ކަނޑުހުޅުދޫގައި ބީއެމްއެމް އޭޓީއެެމްގެ ޚިދުމަތް ފަށައިފި


  • 24 ގަޑިއިރު ޚިދުމަތް ލިބޭނެ

  • މުޅި ރާއްޖެއަށް އޭޓީއެމް ޚިދުމަތް ފުޅާކުރުމަށްވަނީ ނިންމާފައި

ގއ. ކަނޑުހުޅުދޫގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ކަނޑުހުޅުދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކަނޑުހުޅުދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.

ކަނޑުހުޅުދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 9 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ.