ޚަބަރު

އޮރެންޖު ގެނެސް، އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކަން ފަށައިފި


  • އޮރެންޖު ކިލޯއެއް ވިއްކަނީ 35 ރުފިޔާއަށް

  • މިހާރު ބާޒާރުގައި ކިލޯއެއް އުޅެނީ ގާތްގަނޑަކަށް 70 ރުފިޔާއަށް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން އޮރެންޖު ގެނެސް، ބާޒާރުގައި އަގު ހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

ބާޒާރުގައި މިވަގުތު އޮރެންޖެއް ވިއްކަމުންދަނީ 10 ރުފިޔާއާއި 13 ރުފިޔާއާ ދެމެދުގެ އަދަދަކަށެވެ. އެއީ ކިލޯއިން ބަލާނަމަ ގާތްގަނޑަކަށް ކިލޯއެއް 72 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަދަދެކެވެ. އާންމު ރައްޔިތުންނަށް ބޮޑު އަގަކަށް މިއަގުވުމުން އެސްޓީއޯއިން ވަނީ އޮރެންޖު ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ.

އެސްޓީއޯއިން އޮރެންޖު ވިއްކަނީ ކިލޯއެއް 35 ރުފިޔާއަށެވެ. އެސްޓީއޯއީން އޮރެންޖު ލިބެންހުރީ އެ ކުންފުނީގެ ޕީޕަލްސް ޗޮއިސް ފިހާރާގައެވެ.

ބާޒާރުގައި ބައެއް ތަކެތި އަގުބޮޑުވުމުން ހެޔޮ އަގެއްގައި ޟަރޫރީ ތަކެތި ލިބޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މިކަން ފަހިކުރުމަށް އެސްޓީއޯ މެދުވެރިކޮށް، ހެޔޮ އަގެއްގައި ބައެއް ތަކެތި ވިއްކައެވެ. މިފަހުން ފިޔާ އަގު ބޮޑުވުމާ ގުޅިގެންވެސް، ފިޔާ ގެނެސް އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކިއެވެ.

މީގެ އިތުރުން ރަމަޟާން މަހާ ދިމާކޮށް އެންމެ އަގު ބޮޑުވާ ތަކެތި އެތެރެކޮށް، އަގު ހެޔޮކޮށް އެސްޓީއޯއިން ވިއްކައެވެ. ސަރުކާރުގެ އަމާޒަކީ އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ކެއިން ބުއިމާއި، އެނޫންވެސް ބޭނުންތަކަށް ބޭނުންވާ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.