ޚަބަރު

އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށަން ނިންމައިފި


  • އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ

  • މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ވިއްކުމަށްވަނީ ނިންމާފައި

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ ބައެއް އެހެން ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައިވާ ކަމަށެވެ. މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން އަޅުއްވާ ފިޔަވަޅެއް ކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ އިތުރުން 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވިފަދަ ތަކެތި އެސްޓީ މެދުވެރިކޮށް ގަނޑުކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ރައީސް ނިންމަވާފައިވާއިރު ބައެއް މޭވާއާއި ތަރުކާރީގެ އަގު ފާއިތުވެދިޔަ ދުވަސްތަކުގައި ބާޒާރުގައިވަނީ އުފުލިފައެވެ. ރައީސްގެ މި ނިންމެވުމާ އެއްގޮތަށް އެސްޓީއޯ މެދުވެރިކޮށް ތަކެތި އެތެރެކޮށް ވިއްކަން ފެށުމުން ބާޒާރުގައި އެތަކެތީގެ އަގު ހިފެހެއްޓި، ރައްޔިތުންނަށް ހެޔޮ އަގުގައި މޭވާ އާއި ތަރުކާރީ ލިބިގެންދާނެއެވެ.

ރާއްޖޭގެ ބާޒާރުގައި އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ނުވަތަ މޭވާއެއްގެ އަގު އުފުލޭނަމަ އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން އަބަދުވެސް އެތަކެތި އެތެރެކޮށް އެ ވަގުތަށް އަގު ދަށް ކުރުމަށް މަސައްކަތް ކުރެއެވެ. އެގޮތުން، ދާދިފަހުން އޮރެންޖުގެ އަގު އުފުލުމާ ގުޅިގެން އެސްޓީއޯއިން ވަނީ އޮރެންޖުގެ ޝިޕްމަންޓެއް އެތެރެކޮށް ހެޔޮ އަގުގައ ވިއްކަން ފަށާފައެވެ.