ގދ. ނަޑެއްލާގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
ނަޑެއްލާގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނަޑެއްލާގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
ނަޑެއްލާގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.
މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ނޮވެންބަރު މަހު ފެށި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން ގިނަ އަތޮޅުތަކެއްގައި މި ޚިދުމަތް މިހާތަނަށް ވަނީ ޤާއިމްކޮށްފައެވެ
ބީއެމްއެލް ވިދާޅުވީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 156 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 215 އޭޓީއެމް، އޭޖެންޓު ބޭންކިންގެ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.