ޚަބަރު

އޭޓީއެމްގެ ޚިދުމަތަކީ ރަށްރަށަށް މުހިއްމު ޚިދުމަތެއް، ބޭންކިންގެ ނިޒާމަށްވެސް ކުރިއެރުން ލިބޭ: ޝަރީފް


  • ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކުރި 10ވަނަ އަތޮޅަކީ ގއ. އަތޮޅު

  • މިއޭޓީއެމްތަކަކީ 24 ގަޑިއިރު ފައިސާ ޖަމާކޮށް ނެގޭ އޭޓީއެމްތަކެއް

އޭޓީއެމްގެ ޚިދުމަތަކީ ރަށްރަށަށް މުހިއްމު ޚިދުމަތެއް ކަމަށާއި ބޭންކިންގެ ނިޒާމަށްވެސް މިކަމުގެ ސަބަބުން ކުރިއެރުން ލިބޭ ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ބީއެމްއެލުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ގއ. ކަނޑުހުޅުދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގއ. ކަނޑުހުޅުދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، މި އައު އޭޓީއެމް ސެންޓަރުތަކަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ހެއްކެއްކަމަށެވެ. އަދި މިއަދުން ފެށިގެން ފައިސާ ނެގުމާއި ޖަމާކުރުމަށް ގއ. އަތޮޅުގެ އެއްވެސް ރަށެއްގައި ދިރިއުޅޭ މީހަކު އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭނެކަމަށާއި، ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް މިހާރު މިއަތޮޅުގެ ކޮންމެ ރަށަކުންވެސް ލިބޭނެކަމަށެވެ.

ސީއީއޯގެ ވާހަކަފުޅުގައި ފައިސާގެ މުއާމަލާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް، ނުވަތަ ފައިސާގެ މުއާމަލާތްކުރާއިރު ލިބޭ ނަގުދު ފައިސާ ޖަމާކުރުމާއި ފައިސާ ނަގަންވާއިރު ފައިސާތައް ނެގުމަށް ރަށްރަށުގައި އޭޓީއެމްތައް ބެހެއްޓުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގައި އޭޓީއެމްތައް ޤާއިމްކުރުމުގެ ކުރިން ފައިސާ ޖަމާކުރަންބޭނުންނަމަ، އޭޓީއެމް ހުންނަ ރަށަކަށް ދަތުރުކޮށްގެން ގޮސް އެފައިސާތައް އޭޓީއެމްއަށް ޖަމާކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން މިކަމުގެ ސަބަބުން ވާގޮތަކީ ވަރަށް ގިނަ ފައިސާތަކެއް ބޭންކިންގެ ނިޒާމުން ބޭރުގައި ދައުރުވަމުންދޭ. އެހެންކަމުން އޭޓީއެމްތައް ބެހެއްޓުމުން ލިބޭ އެއް ފައިދާއަކީ ރައްޔިތުންނަށް ލިބޭ ތަކުލީފުތަކެއް ހުއްޓުވުމުގެ އިތުރަށް ލިބޭ އަނެއް ފައިދާއަކީ ބޭންކިންގެ ނިޒާމުގެ ތެރެއަށް ވަރަށް ގިނަ ފައިސާތަކެއް ވަދެގެންދިއުން. އަދި ދައުރުވަމުންދިއުން." ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.

މި މަޝްރޫޢުދަށުން މިހާރު ގއ. އަތޮޅުގެ މީހުން ދިރިއެޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް މިހާރު ވަނީ ޤާއިމްކޮށްފައެވެ. ގއ. އަތޮޅު ހިމެނޭހެން މިހާތަނަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި، ހދ. އަތޮޅާއި، ށ. އަތޮޅު، ދ. އަތޮޅު، ނ. އަތޮޅު، ބ. އަތޮޅު، ކ. އަތޮޅު އިތުރުން މ. އަތޮޅެވެ.

މި މަޝްރޫޢުގެ ދަށުން ރަށްރަށުގައި ޤާއިމްކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގޭ އަދި ފައިސާ ޖަމާކުރެވޭ ސެލްފް ސަރވިސް އޭޓީއެމްތައްކަމަށް ބީއެމްއެލުން ވިދާޅުވިއެވެ. އަދި މި އޭޓީއެމްތައް މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތަކުގެ އިތުރަށް ބޭންކިންގެ އެހެނިހެން ބައެއް ޚިދުމަތްތައްވެސް ލިބޭނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވިއެވެ.

އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މިމަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އެރަށްރަށަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލުން ވިދާޅުވީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 158 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 217 އޭޓީއެމް، އޭޖެންޓު ބޭންކިންގެ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.