އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަނާއި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ "އައިޓީއެފް ޖޭ 30" ޓެނިސް މުބާރާތުގެ އަންހެންކުދިންގެ ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އުންމީދީ ޓެނިސް ކުޅުންތެރިޔާ އާއިޝަތު ކަރިން ސައިޒާން ޖާގަ ކަށަވަރުކޮށްފިއެވެ.
ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ކަރިން ޖާގަ ކަށަވަރުކުރީ އިނގިރޭސިވިލާތުގެ އެލެން މެކްޑޮވެލް ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ދިޔައީ 06-01 އަދި 06-0 އިންނެވެ.
ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުގެ މެޗުތައް މިއަދަށް ތާވަލުކޮށްފަވާއިރު، ކަރިން ވާދަކުރަން ޖެހޭނީ ޖަޕާނުގެ ކުޅުންތެރިއެއްކަމަށްވާ ރީކޯ ޝޮޒުއި އާއި ދެކޮޅަށެވެ. ރީކޯއަކީ މިމުބާރާތުގައި އެއްވަނަ އަށް ސީޑުކުރެވިފައިވާ ކުޅުންތެރިޔާއެވެ.
އައިޓީއެފް "ޖޭ 30" މުބާރާތުގައި ޔޫއެސްއޭ، ކެނެޑާ، ޗައިނާ، ރަޝިއާ، އިންޑިއާ، ތައިލޭންޑް އަދި ސްރީލަންކާފަދަ ވަރުގަދަ ޤައުމުތަކުން ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ.
14 އަހަރާ 18 އަހަރާ ދެމެދުގެ ކުޅުންތެރިން ވާދަކުރާ އައިޓީއެފް "ޖޭ 30" ކުރިއަށްދާނީ ދެ ހަފްތާއަށް ބަހާލައިގެން ދެ މުބާރާތެއް ހިމެނޭގޮތަށެވެ. މުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 30 އާ ހަމައަށް މާލޭ ޓެނިސް ކޯޓުގައެވެ.