ޚަބަރު

"އޭޓީއެމްތަކާއެކު މާލީ މުޢާމަލާތުގެ ފަސޭހަކަން ހުރިހާ ރަށެއްގެ ވިޔަފާރިވެރިންނަށް ލިބޭނެ"


  • ގއ. އަތޮޅާއި ގދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީމްގެ ޚިދުމަތް ޤާއިމްކުރަނީ

  • ގދ. އަތޮޅަކީއޭޓީއެމް ޚިދުމަތް ނިންމާ 11ވަނަ އަތޮޅަށް

މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ވިޔަފާރިވެރިންނެކޭ އެއްގޮތަށް އަތޮޅުތަކުގެ ވިޔަފާރިވެރިންނަށްވެސް ބޭންކު މެދުވެރިކޮށް ފައިސާގެ މުޢާމަލާތުކުރެވޭނެ މަގުފަހިވެފައި އޮންނަންޖެހޭކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ފިޔޯރީގައި ހުޅުވި ބީއެމްއެލްގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނަށް ބޭންކިންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައެވެ. މިމަޝްރޫޢުގެ ދަށުން، ހުވަދު އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ލިބެން ނެތް ރަށްރަށުގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށް މިހާރުދަނީ ހުޅުވަމުންނެވެ.

ފިޔޯރީގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވާއިދެއްވައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މާލޭއާ ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގައި ވިޔަފާރިކުރާ ފަރާތްތަކުން ހޯދާ ނަދުގު ފައިސާ ކޮންމެ ދުވަހަކުވެސް ބޭންކަށް ޖަމާކުރުމުގެ ފުރުޞަތުވަނީ ފަހިވެފައިކަމަށެވެ. އަދި އެފުރުޞަތު ހުރިހާ ރަށެއްގައިވެސް ފަހިވެފައި ނޯންނަންވީ ސަބަބެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މަހަށް ގޮސް ލިބޭ ފައިސާ ބަހާލުމުން އެފައިސާ އެމަސްވެރިންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން ބޭންކަށް ޖަމާކުރެވޭނެ އިންތިޒާމު ނޯންނަންވީ ސަބަބެއް ނެތް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށްވެސް ފައިސާ ޖަމާކޮށް، އެފައިސާ ނަގައިގެން ޚަރަދުކުރެވޭނެ ފަސޭހަ ނިޒާމެއް އޮންނަންޖެހޭނެކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރިއަށްގެންދާ އޭޓީއެމްގެ ޚިދުމަތް ފެށުމުގެ މަޝްރޫޢާއެކު ރަށްރަށުގެ ވިޔަފާރިތަކަށް ކުރިއެރުން އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިމަޝްރޫޢުގެ ދަށުން މިހާތަނަށް ރާއްޖޭގެ 11 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ސަރުކަރުންވަނީ އަމާޒު ހިފާފައެވެ.