ޚަބަރު

ނޭޕާލުގައި ވަގުތީ ލީޑަރަކު ޢައްޔަނުކުރަން މުޒާހަރާގެ ބައިވެރިން އަސްކަރިއްޔާއާއެކު މަޝްވަރާ ކުރަނީ


ނޭޕާލުގައި ޒުވާނުން އިސްވެ ކުރަމުންދާ މުޒާހަރަތަކާ ގުޅިގެން، ބޮޑެތި ހަމަނުޖެހުންތައް ހިނގައި، އެ ޤައުމުގެ ސަރުކާރު ވެއްޓިފައިވާއިރު، އެ ޤައުމު ހިންގުމާ ޙަވާލުވާނެ ވަގުތީ ވެރިޔަކު ޢައްޔަނުކުރުމަށް މުޒާހަރާގެ އިސް ބައިވެރިންނާއެކު އަސްކަރިއްޔާއިން މަޝްވަރާ ކުރަމުންދާކަމަށް، އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާގެ ބައެއް މަންސަތައް ނޭޕާލްގައި މަނާ ކުރުމުން މުޒާހަރާތައް ހޫނުވުމާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ފަހުން ވަނީ އެ ނިންމުން ބާޠިލްކޮށްފައެވެ. މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. ހަމަނުޖެހުންތަކުގައި 30 މީހުން މަރުވެ، 1،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ޤައުމުގައި އުފެދިފައިވާ ހަލަބޮލިކަން ހުއްޓުވުމަށް ނޭޕާލްގެ ސަރުކާރުން ވަނީ އެ ޤައުމުގައި ކާފިއުއެއް ވެސް އިޢުލާނުކޮށްފައެވެ. ނަމަވެސް ކާފިއުއަށް ބެލުމެއް ނެތި މުޒާހަރާގެ ބައިވެރިން އެއްވުންތައް ކުރިއަށް ގެންދިޔުމުގެ ސަބަބުން ބޮޑުވަޒީރު ކޭޕީ އޯލީ ޝަރްމާއަށް އިސްތިޢުފާ ދެއްވަން މަޖުބޫރުވީއެވެ.

ވެރިރަށް ކަތުމަންޑޫގައި އަމަން ބެލެހެއްޓުމަށް ސިފައިން މަގުތަކަށް ނުކުމެ ފޯރިމަރަމުންދާއިރު، ހަމަނުޖެހުންތައް މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައެވެ.

މުޒާހަރާގެ އިސް ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ބޭނުން ވަނީ އެ ޤައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު، ސުޝިލާ ކަރްކީ އިންތިޤާލީ ބޮޑުވަޒީރުގެ ގޮތުގައި ޢައްޔަނު ކުރުމަށެވެ.

އުމުރުން 73 އަހަރުގެ ކަރްކީ އެކަމަށް އެއްބަސްވެވަޑައިގެންފައިވާކަމަށް ބައެއް ރިޕޯޓުތައް ބުނެފައިވީނަމަވެސް، ނޭޕާލުގެ ޤާނޫނުއަސާސީގެ ދަށުން އޭނާ އެ މަޤާމަށް ޢައްޔަނުކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް، އިންތިޤާލީ ސަރުކާރުގެ ވެރިޔަކަށް ކަރްކީ ޢައްޔަނުކުރުމާމެދު މުޒާހަރާގެ ބައިވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލުތަފާތުވުންތަކެއް ހުރި ކަމުގެ އަޑުތަކެއްވެސް ދަނީ އިވެމުންނެވެ.

ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، މުޒާހަރާގެ އިސް ބައިވެރިން ބޭނުންވަނީ އެންމެންނަށް ވެސް އިއްތިފާގުވެވޭ ނަމެއް އަސްކަރިއްޔާއަށް ހުށަހެޅުމަށް ކަމަށެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު، ރާޖާ ރާމް ބަސްނަތު ވިދާޅުވީ މުޒާހަރާގެ އިސް ބައިވެރިންނާއެކު މިއަދުވެސް އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

އަދި ޤައުމު އާއްމު ޙާލަތަށް ރުޖޫޢަ ކުރުމަށް ޙާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޒާހަރާގެ ތެރެއިން ހިނގި ހަމަނުޖެހުންތަކަށްފަހު، ކަތުމަންޑޫގައި ފިހާރަތަކާއި ސްކޫލްތަކާއި ކޮލެޖުތައް އަދިވެސް ބަންދުކޮށްފައިވީނަމަވެސް، ބައެއް އަސާސީ ޚިދުމަތްތައް ވަނީ އަލުން ރުޖޫޢަކޮށްފައެވެ.

އަދި ކަތުމަންޑޫގެ މައި އެއަރޕޯޓުވެސް ބައިނަލްއަޤުވާމީ ދަތުރުތަކަށް މިހާރު ހުޅުވާލެވިފައިވާކަމަށް އެއަރޕޯޓުގެ އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުންޏެވެ.