ބ. ދޮންފަނު ފަރަށް ޑައިވް ނުކުރެވޭގޮތަށް ވަގުތީގޮތުން ބަންދުކުރުމަށް އެރަށުގެ ކައުންސިލުން ނިންމި ނިންމަކީ ޤާނޫނާއި ޚިލާފު ނިންމުމެއްކަމަށްބުނެ އެ ނިންމުން ބާތިލުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން އަންގައިފިއެވެ.
ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަޙައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކުރުމަށް އެރަށު ކައުންސިލުން މިއަދު ވަނީ ނިންމާފައެވެ. ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ދޮންފަނު ފަޅުން ހިއްކުމަށް ސަރުކާރުން އިޢުލާން ކުރި މަޝްރޫޢު ހުއްޓާލުމާގުޅިގެން ހިއްކަން ކަނޑައެޅި ސަރަޙައްދުގައި އެރަށުގެ ބަޔަކު އިޙްތިޖާޖުކުރަން ތައްޔާރުވާތީކަމަށް ބުނެއެވެ.
މިކަމާގުޅިގެން އެލްޖީއޭއިން ނެރުނު ނޫސްބަޔާނުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ޤުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަޙައްދުތައް ވަކި ކައުންސިލެއްގެ އިޚްތިޞާޞްކަމުގައި ކަނޑައެޅިފައިވިޔަސް، އެތަންތަނުގައި ޤާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
ޤާނޫނީ ހަމަތަކަށް ރިޢާޔަތްކުރާއިރު، ބ. ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަޙައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކޮށް ދޮންފަނު ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްކަމުގައި އެލްޖީއޭއިން ވިދާޅުވެއެވެ. އަދި މިފަދަ ނިންމުންތައް ނިންމުމުގެ އިޚްތިޞާޞް ކައުންސިލަށް ލިބިގެންނުވާތީ، ކައުންސިލުން ނިންމާފައިވާ މި ނިންމުން ބާޠިލުކުރުމަށް އެލްޖީއޭއިން ވަނީ ކައުންސިލަށް އަންގާފައެވެ.
ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް މިދިޔަ އޮގަސްޓްމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން އޭރުވަނީ ނިންމަވާފައެވެ. އެހެންނަމަވެސް އެމަޝްރޫޢާއެކު ދޮންފަނާއި ޖެހިގެންއޮތް ބ. އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އެރަށާއި އަތޮޅުގެ ރައްޔިތުންގެ އިތުރުން ތިމާވެށީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ފާރަތްތަކުން ފާޅުކޮށްފައެވެ.
އެކަންބޮޑުވުންތަކުގެ އަޑުއައްސަވާ، ރައްޔިތުންގެ އެދުމާއެކު އެ މަޝްރޫޢު ހުއްޓާލަން ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ.