ނިމުނު ހަފްތާ ފާހަގަކޮށްލެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ނިންމެވުންތަކެއް އިޢުލާންކުރެވުނު ހަފުތާއެއްގެ ގޮތުގައެވެ. މި ނިންމެވުންތަކުގެ ތެރޭގައި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ނިންމެވި ނިންމެވުންތަކާއި ރައްޔިތުންނަށް ލުއި ފަސޭހަކަން އެކި ކަންކަމުގައި ހޯދައިދިނުމުގެ ގޮތުން ނިންމެވި ކަންކަން ފާހަގަކޮށްލެވެއެވެ.
• (5 ސެޕްޓެމްބަރު) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބަޖެޓު ދެގުނަ ބޮޑުކުރުމަށް ރައީސް ނިންމެވުން
• (5 ސެޕްޓެމްބަރު) ބިމުގެ ބޮޑުމިނަށްބަލައި މުނިސިޕަލް މަސައްކަތްތަކަށް ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓް ބޮޑުކުރެއްވުމަށް ނިންމެވުން
• (8 ސެޕްޓެމްބަރު) ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ހަމަޖައްސެވުން
• (8 ސެޕްޓެމްބަރު) މަގުތަކާއި ޢާއްމު ތަންތަން ދިއްލުމަށް ޑޮމެސްޓިކް ރޭޓުން ބިލުކުރަން ރައީސް ނިންމެވުން
• (10 ސެޕްޓެމްބަރު) އެންމެ ގިނައިން އެތެރެކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނޑުކޮށް އެތެރެކޮށް، އެސްޓީއޯ މެދުވެރިކޮށް އަގު ހެޔޮކޮށް ވިއްކަން ފަށަން ނިންމެވުން
• (10 ސެޕްޓެމްބަރު) ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން ޤާނޫނަށް އިސްލާހު ހުށަހަޅަން ނިންމެވުން
• (11 ސެޕްޓެމްބަރު) ޝަރުޢީ ދާއިރާގެ މާލީ މިނިވަންކަން ކަށަވަރުކުރުމަށް ބްލޮކް ގްރާންޓެއް ދިނުމަށް ރައީސް ނިންމެވުން
(9 ސެޕްޓެމްބަރު) މީގެ އިތުރުން ނިމުނު ހަފުތާގައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފެއްދެވި ޚަބަރު ވެސް ފާހަގަކޮށްލެވެއެވެ. މިއީ ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސްއާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެ އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން އުފެއްދެވި ކުންފުންޏެކެވެ.
(7 ސެޕްޓެމްބަރު) ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ސިވިލް ސަރވިސް ކޮމިޝަނަށް 3 ބޭފުޅަކު ޢައްޔަންކުރެއްވި ޚަބަރު ފާހަގަކޮށްލެވެއެވެ. ސީއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވި 3 ބޭފުޅުންނަކީ މުޙައްމަދު ނާޞިޙާއި ޑޮކްޓަރ ޙުސައިން ފާއިޒްގެ އިތުރުން ޑޮކްޓަރ ދީބާ މޫސާއެވެ. (7 ސެޕްޓެމްބަރު) ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ޙުސައިން ފަހުމީ ވަކިކޮށް އެ މަޤާމަށް މިފްކޯގެ ކުރީގެ ސީއީއޯ އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކުރީވެސް ނިމުނު ހަފުތާގައެވެ.
(8 ސެޕްޓެމްބަރު) އަދި މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ވަކިވެވަޑައިގެން ޚަބަރަކީވެސް ފާހަގަކޮށްލެވޭ ޚަބަރެކެވެ. (8 ސެޕްޓެމްބަރު) ހަމައެއާއެކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް މުޙައްމަދު ޝަފީޤް މަޙްމޫދާއި އަޙްމަދު މަޤުސޫމް ޢައްޔަނުކުރީވެސް ނިމުނު ހަފުތާގައެވެ.
(9 ސެޕްޓެމްބަރު) ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ބަލާލާއިރު، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރެއްވީ ނިމުނު އަންގާރަ ދުވަހުއެވެ. (10 ސެޕްޓެމްބަރު) އަދި މީޑިއާ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ފަށާފައިވާއިރު، މި ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް 14 އިސްލާހެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށައެޅުއްވީވެސް ނިމުނު ހަފުތާގައެވެ.
(5 ސެޕްޓެމްބަރު) އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދެއްކި ޚަބަރު ފާހަގަކޮށްލެވެއެވެ. އަދާކުރަންޖެހޭ ދަރަނި ގަވާއިދުން ދެއްކުމަށާއި ތަރައްޤީއާއި ފައިނޭންސިންގ ޕާޓުނަރުންގެ އިތުބާރު ދެމެހެއްޓުމަށް ސަރުކާރުކާރުންދޭ އަހައްމިއްޔަތުކަން މިއިން ދޭހަކޮށްދެއެވެ.
(6 ސެޕްޓެމްބަރު) މީގެ އިތުރުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް އެއަރޕޯޓް ޓެކުހާއި ފީ، އޭޓީއެފްގެ ގޮތުގައި ދަޢުލަަތަށް 2 ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދެއްކި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކުހެއް ނުވަތަ ފީއެއް ނަގައެވެ. އެއީ ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.