ފަލަސްޠީނުގެ ޣައްޒާގެ އެހެން ސަރަޙައްދުތަކާ އަޅާބަލައިއިރު މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ އަލްނާޞިރުގެ ރައްުޔިތުންނަށް ކުރިމަތިވެފައި ވަނީ އުނދަގޫ ނިންމުމެކެވެ. ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައި އޮންނަ މި އަވަށަށް އިންޒާރުގެ ލިޔުންތައް އަޅައި، އެ ސަރަޙައްދު ދޫކޮށް ދިޔުމަށް އަންގައިފައެވެ. މިއީ މުޅި ޣައްޒާ ސިޓީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގާ ވަރުގަދަ އަސްކަރީ ޙަރަކާތެކެވެ. ނަމަވެސް ޣައްޒާގެ އެއްވެސް ސަރަޙައްދަކީ ރައްކާތެރި ސަރަޙައްދަކަށް ނުވާއިރު، އަދި އެއްވެސް ސަރަޙައްދެއްގައި ޖާގައެއް ވެސް ކާނާއެއް ވެސް ނެތްއިރު، މިހާރު ތިބި ސަރަޙައްދު ދޫކޮށް ދިޔުމާމެދު ކޮންމެ ނިންމުމެއް ނިންމިޔަސް ޣައްޒާގެ ރައްޔިތުންނަށް އޮތީ ވޭނާއި އުނދަގުލެވެ.
އަލްނާޞިރު ދޫކޮށް ދިޔުމަށް ތައްޔާރުވަމުންދާ ޣައްޒާގެ ރައްޔިތެއް ކަމަށްވާ އަޙްމަދު އަލް-ދާނާ ބުނީ ހަނގުރާމައަށް ދެ އަހަރުވުމާ ގާތްވެފައިވާއިރު، އެ މުއްދަތުގައި ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ގޮސްފައި ވަނީ އެއްވެސް އަރާމު ކުރުމެއްނެތި އަދި އެއްވެސް ސަރަޙައްދެއްގައި ޤާއިމުވެ ތިބުމެއް ނެތި ހަމަނިދި ނުނިދާ ކަމަށެވެ. މުޅި ދިރިއުޅުން ގުޅިފައި ވަނީ ހަނގުރާމައާ ކަމަށާއި އިރުއިރުކޮޅައި އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ބަދަލުވާން ޖެހޭ ކަމަށް އޭނާ ބުނެއެވެ. ދެން ކެތް ނުކުރެވޭނެ ކަމަށާއި، އެހެން ސަރަޙައްދުތަކަށް ބަދަލުވާނެ ހިތްވަރެއް ހަށިގަނޑުގައި ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ޣައްޒާގައި 34 މީހުން ޝަހީދުކޮށްލައިފައެވެ. 22 މީހުން ޣައްޒާ ސިޓީގައި ޝަހީދުކޮށްލާފައިވާއިރު، 12 މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާގެ މެދުތެރޭ އަދި ދެކުނުގެ ސަރަޙައްދުތަކުގައެވެ. ޝަހީދުވި މީހުންގެ ތެރެއިން ހަތް މީހުންނަކީ ކާބޯތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދިޔަ މީހުންނެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށި ދުވަސްވަރު އަލްނާޞިރުގެ ބައެއް ސަރަޙައްދުތަކުގައި ޔަހޫދީ ސިފައިން ޙަރަކާތްތެރިވެފައިވެއެވެ. ޔަހޫދީން އެ އަވަށަށް އިންޒާރުގެ މެސެޖުތައް އަޅަން ފެށުމާއެކު ލަހެއް ނުވެ މުޅި އަވަށަށް ޔަހޫދީން ވެރިވެގަނެދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި ޔަހޫދީން ދަނީ ޣައްޒާ ސިޓީގެ ތިން އަވަށެއްގައި ޙަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ޝުޖާޢިއްޔާއާއި ޒައިތޫންއާއި ތުއްފާޙް ހިމެނެއެވެ. އަލްނާޞިރުއާ އިންވެގެން އޮންނަ ޝައިޚް ރަޟްވާންއަށް ވެސް ޓޭންކަރުތައް ވަދެފައިވެއެވެ. ޣައްޒާ ސިޓީގެ 40 އިންސައްތަ އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައި ކަމަށް ބެލެވެއެވެ.
ޔަހޫދީން ޙަމަލާދެމުންދާ ސަރަޙައްދުތަކުގައި ދިރިއުޅޭ ޣައްޒާގެ ޢާއިލާތައް ދަނީ އެ ސަރަޙައްދުތައް ދޫކޮށް، ހުޅަނގާވީ ކޮޅަުން ޣައްޒާގެ މެދުތެރޭ ސަރަޙައްދުތަކަށް، ނުވަތަ ދެކުނުގެ ސަރަޙައްދުތަކަށް މިސްރާބު ޖަހަމުންނެވެ. ނަމަވެސް ބައެއް މީނުން އެ މީހުން ތިބި ސަރަޙައްދު ދޫކޮށް ދިޔުމަށް ދެކޮޅުހަދައެވެ. އަނެއްބައި މީހުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް ބޭނުންވި ނަމަވެސް އެ ކަމަށް ބޭނުންވާ ވަޞީލަތްތައް އެމީހުންނަށް ލިބިފައެއް ނުވެއެވެ. ޣައްޒާގެ ރައްޔިތެއް ކަމަށްވާ އަބޫ ޙާނީ ބުނީ އޭނާ އަތުގައި މިހާރު ތިބި ސަރަޙައްދު ދޫކޮށް ދިޔުމަށް ބޭނުންވާ ވަރަށް ފައިސާ ނެތް ކަމަށެވެ. އަދި ދެކުނުގެ ސަރަޙައްދުތަކަށް ދެވޭނެ އެއްވެސް މަގެއް އޭނާގެ ޢާއިލާއަށް ނެތް ކަމަށް އޭނާ ބުނެއެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި މިހާތަނަށް 64،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ލިބުމަށް ޔަހޫދީން ދަތިކުރަމުންދާއިރު، ބަނޑުހައިހޫނު ކަމުގެ ސަބަބުން ވެސް ޣައްޒާގެ އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތައް ނުލިބުމުގެ ސަބަބުން ޖެހޭ ކާޑު ބަލީގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ކުޑަ ކުއްޖަކު ހިމެނޭހެން ހަތް މީހުން ޝަހީދުވެފައިވެއެވެ. އެއާއެކު ބަނޑަށް ޖެހިގެން ޝަހީދުވި ޣައްޒާގެ ރައްޔިތުންގެ ޖުމްލަ ޢަދަދު ވަނީ 411އަށް އުފުލިފައެވެ. އޭގެ ތެރޭގައި 142 ކުޑަކުދިން ވެސް ހިމެނެއެވެ.