ޚަބަރު

ބަންޑާރަނައިބުގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރައްވައިފި


  • ޖުމްލަ 36 ބޭފުޅަކަށް ވަނީ އިނާމު ދެއްވާފައި

  • މި ދާއިރާއިން ޚިދުމަތްކުރައްވާ، ދުނިޔެ ދޫކުރައްވާފައިވާ ބޭފުޅުންގެ ހަނދާން އާކުރެއްވި

ބަންޑާރަނައިބުގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރައްވައިފިއެވެ. ޖުމްލަ 36 ބޭފުޅަކަށް ވަނީ އިނާމު ދެއްވާފައެވެ.

އެކަން ފާހަގަކުރައްވާ އިނާމު ދެއްވާފައިވަނީ، އެ އޮފީހަށް 75 އަހަރުފުރުމުގެ މުނާސަބާގަ ބޭއްވި ރަސްމީ ޖަލްސާގައެވެ.

އެގޮތުން 15-20 އަހަރު ޚިދުމަތްކުރައްވާފަވާ 22 ބޭފުޅަކާ، 20-25 އަހަރަށް ޚިދުމަތްކުރައްވާފަވާ 5 ބޭފުޅަކަށް އަދި 25 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައިވާ 9 ބޭފުޅަކަށް އިނާމު ދެއްވާފައެވެ.

މީގެތެރެއިން އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި 7 ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. ދެން އިނާމު ލިބިވަޑައިގެން ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ ބަންޑާރަނައިބު އަލްއުސްތާޛު އަޙުމަދު އުޝާމްއެވެ.

މި އިނާމު ލިބިވަޑައިގެން ބޭފުޅުންގެތެރޭގައި އިދާރީ މަޤާމުތަކާއި ސަޕޯޓް ސްޓާފުގެ މަޤާމާ، ހިއުމަން ރިސޯސް، ކޮމްޕިއުޓަރ ޓެކްނިޝަން، ޑިރެކްޓަރ، ޕްރޮކިއުމަންޓް އަދި މިނޫންވެސް އޮފީހުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ބަންޑާރަނައިބުގެ އޮފީހަށް ޚިދުމަތްކުރައްވާ، ދުނިޔެ ދޫކުރައްވާފައިވާ ބޭފުޅުންގެ ހަނދާން ވަނީ އައުކުރައްވާފައެވެ.

މި އިނަމަކީ ވޭރުވެދިޔަ 75އަހަރުގެތެރޭގައި، އޮފީހުގެ މަސައްކަތްތަކާ ކުރިއެރުންތައް ހޯއްދަވައިދެއްވުމަށް، އެބޭބޭފުޅުހުން ކޮށްދެއްވި މިންނެތް މަސައްކަތްތައް ފާހަގަކުރައްވާ ދެއްވި ޚާއްސަ އިނާމެކެވެ.

މި ޖަލްސާގަވަނީ ކުރީގެ ބަންޑާރަނައިބުންނާ، މިހާރުގެ މުވައްޒަފުންނާއި މި ދާއިރާއިން ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގެންފައިއެވެ.