އަހަރުތަކަކަށްފަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުލަބު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗުކަން އާދަމް އަބްދުލް ލަތީފް (ލައްޗޭ) އަށް ދީފިއެވެ.
އޭނާ އަކީ ރާއްޖެ ދުށް އެންމެ މޮޅު އެއް ފޯވަޑެވެ. ލައްޗޭގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ނުކުޅޭ މަޝްހޫރު ހަމައެކަނި ކުލަބަކީ ވެސް ވިކްޓަރީ އެވެ.
އޭނާ އަކީ ވިކްޓަރީއާ އެންމެ ވާދަވެރި ވެލެންސިއާ އާއި ނިއުރޭޑިއަންޓްގެ ލެޖެންޑެކެވެ. ލައްޗޭއާއެކު ވިކްޓަރީގެ ފަރިތަކުރުންތަކުގައި އެސިސްޓެންޓް ކޯޗެއްގެ ދައުރު އަދާކުރާތަން ފެންނަނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ. އޭނާ އަކީ މި ސީޒަނުގައި ވިކްޓަރީ އަށް ކުޅެން ސޮއި ކުރި ކުޅުންތެރިއެކެވެ.
ވިކްޓަރީން ވަނީ މި ސީޒަނަށް ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ބައެއް ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ރަނަރަބް ޓީމުގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ޓީމުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބުރު ސްޕޯޓްސް ކުލަބާ އެވެ. ދެ ވަނަ މެޗުގައި ކުލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުންނާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މިއަށްފަހު ލީގު ބްރޭކްވުމުގެ ކުރިން ކުޅޭ ފަހު މެޗުގައި ހުސްވި އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ފައިނަލުގައި ވިކްޓަރީ ބަލިކުރި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނީ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހު އެވެ.
ސީޒަނުގެ ހަތަރު ވަނަ މެޗުގައި ވިކްޓަރީ ނުކުންނާނީ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ނިއުރޭޑިއަންޓާ ދެކޮޅަށެވެ. މިއަށް ފަހު ޓީސީއާ ދެކޮޅަށް އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ކުޅުމަށް ފަހު ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.
ސީޒަނުގައި ވިކްޓަރީ ކުޅެން ޖެހޭ ފަހު ތިން މެޗުގެ ތެރެއިން ވެލެންސިއާއާ ދެކޮޅަށް ކުޅޭނީ 7 ނޮވެމްބަރުގަ އެވެ. އަދި މާޒިޔާއާ ދެކޮޅަށް ކުޅޭނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އެއަށްފަހު އީގަލްސްއާ ދެކޮޅަށް ކުޅޭނީ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.