ފަަލަސްޠީނުގެ ޣައްޒާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު އަބޫ ދަޚާއަށް ޣައްޒާ ދޫކޮށް ވިލާތަށް ދެވުނީ ބުރަ މަސައްކަތަށް ފަހުގައެވެ. އޭނާގެ މަންޒިލާ ހަމައަށް ވާޞިލްވުމަށް އޭނާ ރޭވީ ވަނީ އާދަޔާޚިލާފު ރޭވުމެކެވެ. އެއް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު، އަދި އެތައް ހާސް އެމެރިކާ ޑޮލަތު ޚަރަދުކޮށް، ބިރުކުޑަކަމާއި ޖެހިލުންކުޑަކަމާއެކު ކަނޑުގެ ބިޔަ ރާޅުތަކާ ކުރިމަތިލުމަށްފަހު، އަބޫ ދަޚާ ވިލާތަށް ފޯރާފައި ވަނީ ނިމުނު އޮގަސްޓު މަހުގެ ތެރޭގައެވެ. އަބޫ ދަޚާ ވަނީ ވިލާތާ ހަމައަށް ފޯރުމަށް އޭނާ ކުރި އުނދަގޫ ދަތުރުގެ ތަފްޞީލްތައް ފޮޓޮއާއި ވީޑިޔޯއާއި އޯޑިޔޯ ކުލިޕުގެ ގޮތުގައި ރައްކާކޮށްފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި އަބޫ ދަޚާގެ ދިރިއުޅުމާއި ވިޔަފާރި ވަނީ ގެއްލިފައެވެ. އެހާ ހިސާބުން އޭނާ ބޭނުންވީ ޣައްޒާ ދޫކޮށް ދާށެވެ. ރަފަޙް ހުރަސް ބަންދުނުކުރާ ދުވަސްވަރު، 2024ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި އަބު ދަޚާ ވަނީ 5،000 އެމެރިކާ ޑޮލަރު ޚަރަދުކޮށް ޣައްޒާއިން މިޞްރަށް އެތެރެވެފަައެވެ.
އަބޫ ދަޚާ މިޞްރަށް ދިޔުމަށްފަހު ފުރަތަމަ މިސްރާބު ޖެހީ ޗައިނާއަށެވެ. އޭނާ ބޭނުންވީ ޗައިނާގެ ޙިމާޔަތް ހޯދާށެވެ. ނަމަވެސް ކަން ދިމާވީ އެހެނެއް ނޫނެވެ. ޗައިނާގެ ޙިމާޔަތް ނުލިބުމުން އޭނާ އަލުން އަނބުރާ ދިޔައީ މިޞްރަށެވެ. އެ ޤައުމަށް ގޮސް ދެން ހަދާނެ ގޮތަކާމެދު ވިސްނައި، އޭނާ ނިންމީ ލީބިޔާއަށް ދިޔުމަށެވެ.
ލީބިޔާއަށް ގޮސް، އެ ޤައުމުން ވިލާތުގެ ޤައުމަކަށް ދެވޭނެ މަގުތައް އޭނާ ހޯދަން ފެށިއެވެ. ލީބިޔާއަކީ އަބޫ ދަޚާ ފަދަ ހިޖުރަވެރިންނަށް ވިލާތުގެ ޤައުމުތަކަށް ގެންގޮސްދޭ ބޯޓުތަކުން ޖާގަ ހޯދައިދޭނެ ކަމަށް ބުނެ މީހުންނަށް އޮޅުވާލައި ލަނޑު ދިނުމަށް ނަން މަޝްހޫރު ޤައުމެކެވެ. އދން ވެސް ވަނީ އެތައް ހާސް ބަޔަކަށް ލީބިޔާއިން މި ގޮތަށް ލަނޑު ލިބޭ ކަމަށް ފާހަގަ ކޮށްފައެވެ. އަބޫ ދަޚާއަށް ވެސް ކަން ދިމާވީ މިހެންނެވެ. ލީބިޔާއިން ވިލާތަށް ދިޔުމަށް ދިހަ ފަހަރެއްގެ މަތިން މަސައްކަތްކޮށް، އޭނާއަށް ވިލާތަށް އެތެރެވެވޭ ގޮތެއް ނުވިއެވެ.
މިހާ ހިިސާބުން އަބޫ ދަޚާ ވިސްނީ، ކުރިމަތިވެފައިވާ ޙާލަތުން ސަލާމަތްވެވޭނެ އެހެން ގޮތެކެވެ. މި ފަހަރު އޭނާ ވިސްނީ މުޅިން ތަފާތު ޚިޔާލެކެވެ. މީހަކަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލައަށް ކަނޑު ހުރަސްކޮށް ވިލާތަށް އެތެރެވުމަށް އޭނާ ނިންމިއެވެ. އެ ކަން ޙާޞިލް ކުރުމަށް އަބޫ ދަޚާ ލީބިޔާއިން ޔަމަހާ މަރުކާގެ ބޭނުންކޮށްފައިވާ ޖެޓްސްކީއެއް ގަތެވެ. އެ ކަމަށް އޭނާ 5،000 ޑޮލަރު ޚަރަދު ކުރިއެވެ. އަދި މަގު ދައްކައިދޭ ޖީޕީއެސްއަކާއި ސެޓެލައިޓު ފޯނަކާއި ލައިފް ޖެކެޓާއި އެހެނިހެން ސާމާނު ގަތުމަށް އިތުރު 1،500 ޑޮލަރު ޚަރަދުކުރިއެވެ.
ޖެޓްސްކީގައި އަބޫ ދަޚާ ކުރި ދަތުރުގައި އޭނާއާއެކު ފަލަސްޠީނުގެ އިތުރު ދެ ރައްޔިތުން ބައިވެރިވިއެވެ. އެއީ އުމުރުން 27 އަހަރުގެ ދިޔާއާއި އުމުރުން 23 އަހަރުގެ ބައްސާމްއެވެ. އަބޫ ދަޚާ ބުނީ ލީބިޔާގެ އަލް-ޚުމްސުން ނައްޓާލައިގެން އޭނާގެ ބައިވެރިންނާއެކު 12 ވަރަކަށް ގަޑިއިރު ޖެޓްސްކީގައި ދަތުރުކުރި ކަމަށެވެ. އެ މީހުން މިސްރާބު ޖެހީ އިޓަލީވިލާތުގެ ލަމްޕެޑުސާ ކިޔައި ރަށަކަށެވެ. އަލް-ޚުމްސުން ލަމްޕެޑުސާއަށް ހުރި ސީދަލަށް ދާނަމަ، އެއީ 350 ކިލޯމީޓަރުގެ ރާސްތާއެކެވެ.
މި ދަތުރަށް ފުރުމުގެ ކުރިން އަބޫ ދަޚާއާއި އޭނާގެ ބައިވެރިން، ދަތުރަށް ޚަރަދުވާނީ ކިހާ ތެލެއްކަން ދެނެގަތުމަށް ބޭނުންކުރީ ޗެޓްޖީޕީޓީއެވެ. ޗެޓްޖީޕީޓީއިން ލިބުނު މަޢުލޫމާތުގެ އަލީގައި އެ ތިން ފަހުލަވާނުން ދަތުރަށް ތައްޔާރުވާން ފެށިއެވެ. ކުރިމަތިވި އެންމެ ބޮޑު ސުވާލަކީ ޖެޓްސްކީއަށް އަޅާނެ ތެޔޮ ދަތުރުމަތީގައި އުފުލާނީ ކިހިނެތްތޯއެވެ. އެ މައްސަލައަށް އެ މީހުން ޙައްލު ހޯދީ ތެލާއި އެހެނިހެން ސާމާނު ޑިންގީއަކަށް ބަރާކޮށް އެ ޑިންގީ ޖެޓްސްކީގައި ކަފުޖަހައިގެންނެވެ.
ދަތުރަށް ކިތަންމެ ބޮޑަށް ތައްޔާރުވި ނަަމަވެސް ކަމެއް ދިމާވެދާނެތާއެވެ. ދަތުރު ފަށައި، މަންޒިލާ ގާތްވެފައި ވަނިކޮށް އަބޫ ދަޚާގެ ޖެޓްސްކީއިން ތެޔޮ ހުސްވިއެވެ. އެއީ ލަމްޕެޑުސާއިން ގާތްގަނޑަކަށް 20 ކިލޯމީޓަރު ބޭރުންނެވެ. ނަމަވެސް އެ މީހުން އެހީއަށް ގޮވުމުން، އެ މީހުން ސަލާމަތްކުރަން ރޮމޭނިޔާގެ ބޯޓަކުން އައެވެ. އެއީ ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމުތަކުގެ ސަރަޙައްދީ ރޮނގުތައް ބަލަހައްޓައި ބޯޓެކެވެ. އެ ބޯޓުގައި އެ މީހުން ލަމްޕެޑުސާއަށް ގެންގޮސް، ހިޖުރަވެރިންގެ މަރުކަޒަކަށް އެ މީހުން ޙަވާލުކުރިއެވެ.
މިހާ ހިސާބުން އަދި ދަތުރު ނިމުނީއެއް ނޫނެވެ. އަބޫ ދަޚާއާއި އޭނާގެ ބައިވެރިންގެ ހިތުގައި އޮތީ ޖަރުމަނުވިލާތެވެ. އެހެންކަމުން، އެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަން މި ތިން މީހުންނަށް ޖެހުނެވެ. ފެރީއެއްގައި އިޓަލީވިލާތުވެ ސިސިލީއަށް ގެންދިޔުމަށް ފަހު ދެން ބަހަކަށް އަރުވައިގެން ގެންދިޔައީ އެ ޤައުމުގެ ހުޅަނގު އުތުރުގައި އޮންނަ ޖެނޮއައަށެވެ. ނަމަވެސް މަންޒިލާ ހަމައަށް ނުދެވެނިސް އެ މީހުން ބަހުން ފިލައި، ގަސްގަނޑެއް ތެރޭ އެތައް ގަޑިއިރެއް ވަންދެން ފިލައި ތިއްބެވެ.
ނުރައްކަލެއް ނެތް ކަމަށް އިޙްސާސްވުމުން ދެން އެ މީހުން މިސްރާބު ޖެހީ ވައިގެ ބަނދަރަކަށެވެ. އެ ތަނުން ތިން ޓިކެޓުގަނެ، އެންމެ ފަހުން ދިޔައީ ބެލްޖިއަމްގެ ސަރަޙައްދެއް ކަމަށްވާ ބްރަސެލްސްއަށެވެ. އެއީ އޮގަސްޓު މަހުގެ 23ވަނަ ދުވަހުއެވެ. އެ ތަނުން އިތުރު ޓިކެޓެއް ގަގެ ޖަރުމަނުވިލާތަށް ގޮސް، ރޭލުގައި ދިޔަސީ އެ ޤައުމުގެ ކޯލްއަށެވެ. އެއަށްފަހު އޮސްނަބްރުކަށް ދިޔުމުން އޭނާގެ ތިމާގެ މީހަކު ވަނީ އޭނާ ބަލައި އައިސް، ކައިރި އަވަށެއް ކަމަށްވާ ބަރަމްޝާއަށް އޭނާ ގެންގޮސްދީފައެވެ. އޭނާގެ ދަތުރު ނިންމާލީ މިހިސާބުންނެވެ.
ނަމަވެސް އަބޫ ދަޚާއާއި އޭނާގެ ބައިވެރިންނަށް އަދިވެސް މިނިވަންކަމެއް ނުލިބެއެވެ. އެ ތިން މީހުން ވެސް ވަނީ ޖަރުމަނުވިލާތުގެ ޙިމާޔަތަށް އެދިފައެވެ. އެ ހުށަހެޅުން ދިރާސާކުރާނީ ކޯޓަކުންނެވެ. އަދި އަޑުއެހުން ބާއްވާނެ ތާރީޚެއް ކޯޓުން ކަނޑައަޅާފައި ނުވާއިރު، އަބޫ ދަޚާ މި ވަގުތު މަޑުކޮށްގެން ހުރީ ޙިމާޔަތް ހޯދުމަށް އެދޭ މީހުން ބައިތިއްބާ މަރުކަޒެއްގައެވެ. މި ވަގުތު އެއްވެސް ވަޒީފާއެއް ވެސް، ލާރި ލިބޭނެ އިތުރު މަގެއް ވެސް އޭނާއަކަށް ނެތެވެ.
އަބޫ ދަޚާގެ ޢާއިލާ ދިރިއުޅެމުން ދަނީ ޣާއްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ޖަހާފައިވާ ފޭލިގެއެއްގައެވެ. އެ މީހުން ދިރިއުޅެމުން ދިޔަ ގެ ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. ޣައްޒާގައި ހުރި އަބޫ ދަޚާގެ ބައްޕަ ކިޔައިދިން ގޮތުގައި އަބޫ ދަޚާއަށް ބޮޑެތި ޚަރަދުތައް ކޮށް، ޣައްޒާ ދޫކޮށް ޖަރުމަނުވިލާތަށް ދެވުނީ ހަނގުރާމައިގެ ކުރިން އޭނާ ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އޭރު އިންޓަނެޓުގެ ޚިދުމަތްދޭ ކުންފުންޏެއް ހިންގި އަބޫ ދަޚާއަށް ރަނގަޅު އާމްދަނީއެއް ލިބުނެވެ. އެ ހުރިހާ މަސައްކަތެއް ނެތި ދިޔައީ ހަނގުރާމައިގެ ސަބަބުން ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.
އަބޫ ދަޚާ އުއްމީދު ކުރަނީ ޖަރުމަނުވިލާތުގައި ދިރިއުޅުމުގެ ހައްޤަށެވެ. އަދި އެއަށްފަހު އޭނާގެ އަންހެނުންނާއި ދެ ދަރިން އެ ޤައުމަށް ގެނައުމަށެވެ. އުމުރުން ހަތަރު އަހަރާއި ހަ އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކީ ސިކުނޑީގެ ބައްޔެއް ހުންނަ ކުއްޖެކެވެ. އެ ކުއްޖާއަށް ޚާއްޞަ ފަރުވާ ބޭނުންވެއެވެ.
“އަހަރެންގެ ފުރާނަ އަތްމައްޗަށް ލައި، ޖެޓް ސްކީއެއްގައި ދަތުރުކުރީ އަހަރެންގެ ޢާއިލާއަށްޓަކައި. އަހަރެންގެ ޢާއިލާއާ ނުލައި ދިރިއުޅުމުގެ އެއްވެސް މާނައެއް ނޯންނާނެ،” އަބޫ ދަޚާ ބުންޏެވެ.