ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅާ ދެކޮޅަށް އަޑު އުފުލުގެ ގޮތުން އެތަކެއް ހާސް ބަޔަކު ވެރިރަށް ލަންޑަނުގެ އިތުރުން ވިންޑްސަރގެ މަގުތަކަށް ނިކުމެ، މުޒާހަރާ ކުރަމުން އެބަދެއެވެ. ޓްރަމްޕް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވަމުން މި ގެންދަވަނީ ރަސްގެފާނު ޗާލްސް (ތިންވަނައި)ގެ ދަޢުވަތަކަށެވެ.
މިއީ، ޔަހޫދީންގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ޓްރަމްޕް އިނގިރޭސިވިލާތަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާ ދެވަނަ ފަހަރެވެ. ރަސްގެފާނު ޗާލްސާއި އިނގިރޭސި ސަރުކާރުގެ ފަރާތުން ޓްރަމްޕަށް ރަތް ދޫލައިގައި ހޫނު މަރުޙަބާއެއް ކިޔާފައިވީ ނަމަވެސް، ލަންޑަނުގެ މަގުތަކުން ފެންނަމުން ދަނީ ޓްރަމްޕްގެ ދެކޮޅުނުޖެހޭ ސިޔާސަތުތަކަށް އޮތް ދެކޮޅުވެރި ކަމެވެ. ޚާއްޞަ ގޮތެއްގައި، އޭނާގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ކުށްވެރި ކުރުމުގެ އަޑުތަކެވެ.
މުޒާހަރާގެ ބައިވެރިން އެއްވެފައި ވަނީ ލަންޑަނުގައި ހުރި ޕޯޓްލެންޑް ޕްލޭސްއާއި، ވައިޓްހޯލާއި ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރިއަށެވެ. އަދި، ވިންޑްސަރ ގަނޑުވަރު ކައިރިއަށެވެ. މުޒާހަރާގައި ބައިވެރިވާ އެތަކެއް ސަތޭކަ ބަޔަކު ތިބީ ޓްރަމްޕާ ދެކޮޅު ޝިޢާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އަދި، ޓްރަމްޕަށް ނޫނެކޭ، އަދި ނަސްލީ ތަފާތު ކުރުންތަކަށް ނޫނެކޭ ލިޔެފައިވާ ބެނަރތައް އުފުލައިލައިގެންނެވެ. ޓްރަމްޕަކީ ތުއްތުކުއްޖެއްގެ ގޮތުގައި ސިފަކޮށްދޭ ބުދުތަކެއް ވެސް މުޒާހަރާގެ ތެރެއިން ފެނިގެން ދިޔައެވެ.
ޔަހޫދީންގެ ބައިވެރިޔާ، ޓްރަމްޕާ ދެކޮޅަށް އަޑު އުފުލުމަށް އެތަކެއް ސަތޭކަ ބަޔަކު މަގުތަކަށް ނިކުމެފައިވީ ނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ދަނީ އޭނާއަށް މަރުޙަބާ ކިޔައި، އޭނާގެ ރުހުން ހޯދުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އޭގެ ތެރޭގައި ވިޔަފާރިވެރިންގެ ބައްދަލުވުންތަކާއި، ޚާއްޞަ އިހުތިފާލުތައް ހިމެނެއެވެ. މި ހަރަކާތްތަކުގެ ބޭނުމަކީ، އިނގިރޭސިވިލާތާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ޓްރަމްޕަށް ބާރުއެޅުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޓްރަމްޕާ ދެކޮޅަށް ކުރަމުންދާ ބިޔަ މުޒާހަރާތައް އޭނާއަށް ފެނުނަ ނުދިނުމުގެ ގޮތުން އިނގިރޭސި ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މި ގޮތުން، އޭނާ ރުއްސުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ގިނަ އިހުތިފާލުތަކާއި ޙަފުލާތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ މުޒާހަރާގެ ބައިވެރިން އެއްވެފައިވާ ސަރަޙައްދުތަކާ ދުރުގައެވެ.
"[ޔަހޫދީންގެ] ޤަތުލުޢާންމު ޤަބޫލު ނުކުރާ މީހުންނަށް މަރުޙަބާ ކިޔުމެއް ނޯންނާނެ،" ޓްރަމްޕާ ދެކޮޅު މުޒާހަރާތައް އިންތިޒާމު ކުރާ ޖަމުޢިއްޔާތަކުގެ ތެރޭގައި ހިމެނޭ ސްޓޮޕް ދި ވޯއިން ބުންޏެވެ. "ޓްރަމްޕްގެ ފުރަމާނަ ދަތުރުފުޅާ އެންމެން ދެކޮޅު. ޤަތުލުޢާންމު ހިންގުމަށް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލަން އެމެރިކާއާއި އިނގިރޭސިވިލާތަށް ގޮވައިލަން."
މުޒާހަރާ އިންތިޒާމު ކުރުމުގައި ޕަލަސްޓަޔިން ސޮލިޑެރިޓީ ކެމްޕޭނުން ވެސް ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ. އެ ޖަމުޢިއްޔާއިން ވަނީ ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުލުމަށް އިނގިރޭސިވިލާތުގެ ރައްޔިތުންގެ ކިބައިން އެދިފައެވެ. އެމެރިކާއަށް ހިޖުރަ ކޮށްފައިވާ މީހުން ޑިޕޯޓުކޮށް އެމެރިކާއިން ބޭރު ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ހިންގަމުން ދަނީ ނަސްލީ ތަފާތު ކުރުމުގެ ޖަރީމާއެއްގެ ގޮތުގައި އެ ޖަމުޢިއްޔާއިން ސިފަ ކުރެއެވެ. އަދި، އޭނާއަކީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ އިސް އެއް މޭސްތިރި ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ޤަބޫލު ކުރެއެވެ.
މުޒާހަރާގެ ބައިވެރިން ބުނީ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުން ހޫނު މަރުޙަބާ ކިޔާފައިވާ ޓްރަމްޕަކީ އެމެރިކާގެ ރައްޔިތުންގެ އިތުރުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިި އިންސާނީ ޙައްޤުތަކަށް އަރައިގަންނަވަމުން ގެންދަވާ ބޭފުޅެއް ކަމުގައެވެ. އަދި، ޓްރަމްޕަކީ މޫސުމީ ބަދަލުތައް ޤަބޫލު ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ޣައްޒާ ޤަތުލުޢާންމުގެ އެންމެ ބޮޑު މަދަދުގާރު ކަމުގައެވެ.
މުޒާހަރާގެ ބައިވެރިން ކޮންޓުރޯލު ކުރުމަށް ލަންޑަނުގެ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ، ކުޑަކުދިންނަށް ޖިންސީ އަނިޔާ ދިނުމުގެ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީނާ އެކު ޓްރަމްޕް ފެންނަ ފޮޓޯތަކެއް ޕްރޮޖެކްޓަރެއް ބޭނުން ކޮށްގެން ވިންޑްސަރ ގަނޑުވަރުގެ ފާރަށް އެޅުވި ބަޔެއް ކަމުގައި ތެމްސް ވެލީގެ ފުލުހުން ބުންޏެވެ.