އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދިވެހިބަހާާ ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ނިންމައިފިއެވެ. އިމަރސިވް މިއުޒިއަމެއްގެގޮތުގައި އުސްގެކޮޅު ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއާ ހަވާލުކޮށްފައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އުސްގެކޮޅު އިމަރސިވް މިއުޒިއަމް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހިބަހާ ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، އާދަމް ނަސީރު އިބްރާހީމެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭގިންގ ޑިރެކްޓަރ ހަމްދާން ޝަކީލްއެވެ.
އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިޔާދަކުރުމާއި، ދިވެހި ތަރިކައިގެ ދާއިރާ ތަރައްޤީކުރުމާއި، ތަރިކަ ދިވެހީންނަށް އޭގެ ހަޤީގީ މާނައިގައި ރައްދުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެތެރެއިން ކުރައްވާ މަސައްކަތެކެވެ.
އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދިވެހިބަހާ ސަޤާފަތާ ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީވެ ނިމޭއިރު، ތަރިކައިގެ ދާއިރާއިން ދިވެހީން އަދި މިހާތަނަށް ރާއްޖެއިން ދެކިފައިނުވާ އާ މަންޒަރެއް ފެނިގެންދާނެކަމަށެވެ.
"އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީވެ ނިމޭއިރު، ހަޤީގަތުގައި ތަރިކައިގެ ދާއިރާއިން ދިވެހީން އަދި މިހާތަނަށް ރާއްޖެއިން ދެކިފައިނުވާ އާ މަންޒަރެއް ފެނިގެންދާނެ. ދިވެހިންގެ ރަށްވެހިކަމުގެ ހަޤީގަތްތައް، ދިވެހީންގެ ހަޟާރާތުގެ ހަޤީގަތްތައް ދިވެހީންގެ ދައުލަތާއި، އެމީހުންގެ ދިރިއުޅުން ދެމެހެއްޓެމުގައި އުފުލި ބުރަޔާއި ޤުރުބަނީތަކާއި، އެކަމާ ގުޅިފައިވާ ހަޤީގަތްތައް." ވަޒީރު ވިދާޅުވިއެވެ.
އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްްޤީކުރެވޭނީ، ހުރިހާ ޢުމުރަކަށް ފެތޭގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ތަރިކައިގެ ދާއިރާއިން އަންނާނެ އެންމެ ބޮޑު އެއްބަދަލަކީ ދިވެހީން ދިވެހީންގެ ތަރިކައާމެދު ދެކެމުން އަންނަ ގޮތް ބަދަލުވެގެންދިއުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މި މަޝްރޫއަށް ބޭނުންވާނެ އެންމެ ފުރިހަމަ އެއްބާރުލުން އެ ކޯޕަރޭޝަންގެ ފަރާތުން ލިބިގެންދާނެކަމަށެވެ.
"އެފްޑީސީގެ ފުލް ޓީމް މިއޮތީ މިހާރު މިކަމަށް ތައްޔާރުވެގެން. ޕްރޮޖެކްޓަށް ބޭނުންވާނެ އެންމެ ފުރިހަމަ އެއްބާރުލުން އަޅުގަނޑުމެން ކޯޕަރޭޝަންގެ ފަރާތުން ލިބޭނެ. މިއީ ރާއްޖޭގަ އިމަރސިވް މިއުޒިއަމެއް ތަރައްޤީކުރެވިގެންދާނެ ފިރަތަމަ ފަހަރު. މިއާއެކު، މީގެ ސަބަބުން ދިވެހިންނަށް ދިވެހިންނަކީ ކޮން ބައެއްކަން އެނގިގެންދާނެ." ހަމްދާން ވިދާޅުވިއެވެ.
އިމަރސިވް މިއުޒިއަމްތަކަކީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ މިއުޒިއަމްތަކެކެވެ. މިއީ ދުނިޔޭގައި މަޤްބޫލްކަން ހޯދަމުން އަންނަ ތަންތަންކަން ފާހަގަކޮށްލެއެވެ.
ދިވެހިންގެ ތަރިކަ ހިމާޔަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެކެވެ. އެގޮތުން ތަރިކަ ހިމާޔަތްކޮށް ބެލެހެއްޓުމުގެ އިތުރުން ތަރިކައަށް ޙައްޤު ޢިއްޒަތްދީ، ތަރިކަ ބެލެހެއްޓުމުގެ މަސައްކަތަށް ފަންޑުކުރެވޭނެ ގޮތްތަކެއް މަގުފަހިކުރުމުގެ ޕްލޭންތަކެއް ސަރުކާރުން ދަނީ އެކުލަވާލައި، ތަންފީޒުކުރައްވަމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޒަމާންވީ ތަރިކަތައް ހިމާޔަތްކުރުމުގެ މަސައްކަތް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން މިހާރުވެސް އަންނަނީ ކުރައްވަމުންނެވެ.