ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި އޮޑި ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު އޮޑި ސްޕޯޓްސް މޮޅެއް ހޯދީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް މާއެދޭ ކުޅެމެއް ދެއްކިފައެއް ނުވެއެވެ. މެޗުގެ އެންމެ ފުރަތަމަ ހަމަލާއެއް ފޮނުވާލީ ޔޫވީންނެވެ.
އޮޑިންވަނީ މެޗުގައި ފުރަތަމަ ހާފު ޑޮމިނޭޓް ކޮއްގެން ކުޅެފައެވެ. ފުރަތަމަ ހާފުގައި އަހުމަދު އައިހަމް އޭރިޔާތެރިން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެފަހުން އޮޑީގެ ލިތުއޭނިޔާ ފޯވާޑް ކަރޮލިސް ލައުޒެމިސް ފޮނުވާލި ބޯޅަ މަތަކުރީ ޔޫވީގެ ކީޕަރު އަލީ ނާޖިހުއެވެ.
މެޗުގައި އޮޑިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނިޓުގައި ކާމިޔާބުކޮއްދިނީ އަބްދުﷲ ލޫތު އިބްރާހިމް އެވެ. މިއީ އޭރިޔާ ތެރެއަށް ވަދެ އައިހަމް ކަނދާލަދިން ހުރަސް ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައަކުން ލޫތު ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ އޮޑިން ދެވަނަ ލަނޑު ކާމިޔާބުރިއެވެ. މެޗުގެ 52 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އިބްރާހިމް ވަހީދު ހަސަން އެވެ. ހާފް މެދަކާ ހަމައިން ލިބުނު ބޯޅަ ހިފައިގެންގޮސް އިއްބެ ލަނޑުޖެހީ އޭރިޔާތެރެއަށް ވަދެ ކީޕަރު ކިއިރިންވެސް ނައްޓާލުމަށްފަހު އެވެ.
މެޗުގެ 76 ވަނަ މިނުޓުގައި އޮޑީގެ އަހުޒާމް ރަޝީދު ވަނީ އޭރިޔާތެރެއިން ލިބުނު ފުރުސަތެއްގައި ތިންވަނަ ލަނޑު ކާމިޔާބުކޮއްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޔޫވީން ވަނީ ރަނގަޅު ކުޅުމެއް ދައްކާ އޮޑީގެ ފަހަތަށް ނުރައްކާ ކޮއްފައެވެ. ހަތަރު ވަނަ ލަނޑު އޮޑިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވާން މިނިޓެކަށް ވެފައިވަނިކޮށް އަހުޒަމް ދިން ބޯޅައަކުން މުޒްދާން ހަސަން އެވެ.
ލީގުގައި އޮޑި ދެން ނުކުންނާނީ އަންނަ ހުކުރު ދުވަހު ވެލެންސިޔާ ދެކޮޅަށެވެ.