ޚަބަރު

ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ކުންފުންޏަކުން ރަޝިޔާގައި ޚާއްސަ ފޯރަމެއް ބާއްވައިފި


  • މި ފޯރަމުގައި 110 ރިސޯޓް އަދި ހޮޓަލުން ބައިވެރިވި

  • ރާއްޖޭގެ ލަގްޒަރީ ޓްރެވަލް ސެގްމަންޓް ފޯރަމުގައި ޕްރޮމޯޓް ކޮށްފައިވޭ

ރިސޯޓް ހޮލިޑޭޒްއިން އިންތިޒާމުކޮށްގެން ރަޝިޔާގައި މަންޓާ ފޯރަމް 2025ގައި ނަމުގައި ޙާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރިސޯޓް ހޮލިޑޭޒްއިން އިންތިޒާމުކޮށްގެން ބޭއްވި މި ފޯރަމް އޮތީ ސެޕްޓެޕްބަރު 14ގައި ރަޝިޔާގެ ވެރިރަށް މޮސްކޯގައެވެ.

ރަޝިޔާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 110 ރިސޯޓް/ހޮޓާ، އަދި ޓްރެވަލް އޭޖަންޓުން މި ފޯރަމްގައި ބައިވެރިވިއެވެ. އަދި މި ފޯރަމްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ފޯރަމްގައި، ރާއްޖޭގެ ލަގްޒަރީ ޓްރެވަލް ސެގްމަންޓުގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލިވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމުގައި ސީއައިއެސް ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހިއްސާދާރުންނާ ވަކިވަކީން ބައްދަލުކުރެވި، ރާއްޖެ އިސްތިހާރުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރިއެވެ.