ކުޅިވަރު

ޕީއެސްޖީން ބެލޮންޑީއޯ ހަފުލާއަށް ދާނީ ޑެމްބެލޭ އެކަނި


ފްރާންސްގެ ޕީއެސްޖީގެ ކުޅުންތެރިންގެ ތެރެއިން މިރޭ ބާއްވާ ބެލޮންޑީއޯ އެވޯޑް ހަފުލާ އަށް ދާނީ ފޯވަޑް އޮސްމާނޭ ޑެމްބެލޭ އެކަނި ކަމަށް ވެއްޖެ އެވެ.

ހުސްވި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އަދި ފީފާ ކުލަބު ވޯލްޑް ކަޕުގެ ރަނަރަބް ޓީމުގެ އެހެން ކުޅުންތެރިން ފްރާންސްގެ ޕެރިހުގައި ބާއްވާ މި ހަފުލާ އަށް ނުދަނީ މިރޭ އެ ޓީމުގެ މުހިންމު މެޗެއް ކުޅޭތީ އެވެ. ފްރެންޗް ލީގުގައި މިރޭ ޕީއެސްޖީ ވާދަކުރާނީ މާސޭއާ އެވެ.

ބެލޮންޑީއޯ އެވޯޑް ހަފުލާ އަށް ކުޅުންތެރިން ދެވޭގޮތް ނުވީ މި މެޗު ކުރން ތާރީހަށްވުރެ ފަސް ވުމުންނެވެ. ކުރިން މި މެޗު ކުޅެން އޮތީ އާދީއްތަ ދުވަހުގެ ރޭގަ އެވެ. ނަމަވެސް މި ރެއަށް މެޗު ފަސްވީ ވިއްސާރަވެ ގުރުރާ ވިދަން ފެށުމުންނެވެ. ފްރެންޗް ލީގުގެ ގަވާއިދުގެ 548 ވަނަ މާއްދާފައި ބުނަނީ މޫސުމީ ސަބަބަކާ ހުރެ މެޗެއް ފަސްކޮށްފިނަމަ އެ މެޗެއް ޖެހިގެން އޮންނަ ދުވަހު ކުޅެން ޖެހޭނެ ކަމަށެވެ.

ޕީއެސްޖީގެ ކުޅުންތެރިން މި ހަފުލާ އަށް ނުގޮސް މެޗު ކުޅެން ތިބި ނަމަވެސް ޑެމްބެލޭ އަށް ދެވޭ ގޮތްވީ އޭނާ މިވަގުތު އަނިޔާގައި ހުރުމުންނެވެ. އޭނާ އަކީ މި ހަފުލާގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ރަންބޯޅަ ލިބުން އެންމެ ގާތް އެއް ކުޅުންތެރިޔާ އެވެ. ޑެމްބެލޭ މޮޅަށް ކުޅެގެން ޕީއެސްޖީން ވަނީ ހުސްވި ސީޒަނުގެ ތިން ތަށި ކާމިޔާބުކޮށް، ކުލަބު ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅެފަ އެވެ. މި އެވޯޑަށް އޭނާއާ އެންމެ ބޮޑަށް ވާދަކުރާނީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ލަމީން ޔަމާލް އާއި ބްރެޒިލްގެ ރަފީނިއާ އެވެ.