ޚަބަރު

ޣައްޒާގެ ޙައްޤުގައި އިޓަލީވިލާތުގައި ބޮޑެތި މުޒަހާރާތަކެއް، ޔަހޫދީންނަށް ހަތިޔާރު އުފުލުން ހުއްޓުވުމަށް ބަނދަރުތައް ބަންދުކުރި


ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް އިޓަލީވިލާތުގައި މުޒާހަރާކޮށް، އެ ޤައުމުގެ ބައެއް ބަނދަރުތައް ހުއްޓުމަކަށް ގެނެސްފިއެވެ.

އިޓަލީވިލާތުގެ ބަނދަރުތަކުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ބަނދަރުތަކުގައި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރަސް އަޅައިފައެވެ. އެ މީހުން އެ ގޮތަށް ޢަމަލު ކުރީ ޣައްޒާއަށް ޙަމަލާ ދިނުމަށް ޔަހޫދީން ބޭނުންކުރާ ހަތިޔާރު އެ ބަނދަރުތައް މެދުވެރިކޮށް އުފުލުން ހުއްޓުވުމުގެ ގޮތުންނެވެ.

މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެރިވެފައިވާއިރު، އެއްވުންތަކުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިންގާފައިވެއެވެ. އެގޮތުން މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފައިވެއެވެ. ހަމަނުޖެހުންތަކާ ގުޅިގެން މިލާންގައި 10 މީހުން ހައްޔަރުކޮށްފައިވާއިރު، އެ ކުރިމަތިލުންތަކުގައި 60 ފުލުހުންނަށް ވެސް އަނިޔާވެފައިވެއެވެ.

މުޒާހަރާތަކުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި ޓްރެފިކަށް ވެސް އަސަރުކޮށްފައިވެއެވެ. ދަަތުރުފަތުރުގެ ނިޒާމުތަކަށް އަސަރުކޮށްފައިވާއިރު ބައެއް ރޭލު ސްޓޭޝަންތަކުން ދެމުން ދިޔަ ޚިދުމަތަށް ބުރޫ އަރާފައިވެއެވެ. އަދި ބައެއް މަދަރުސާތައް ވެސް ވަނީ ބަންދުކޮށްފައެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު، ޖިއޯޖިޔާ މެލޮނީ ވަނީ މުޒާހަރާތަކުގައި ހިނގި އަރައިރުންތަކާއި ގެއްލުން ދިނުމުގެ ޢަމަލުތައް ކުށްވެރިކުރައްވައިފައެވެ. އެ ފަދަ ޢަމަލުތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ ޙާލަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެ މެލޮނީ ފާހަގަކުރެއްވީ އޭގެ ސަބަބުން އިޓަލީވިލާތުގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތަކެވެ.

2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޣައްޒާގެ ޙާލަތު މުޅި ދުނިޔެއަށް ފެންނަމުންދާއިރު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ހައްޤުގައި ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.